ހޮންގް ކޮންގްގެ މުޒާހަރާ ރޫޅާލައިިފި

ކުށުގެ ތުހުމަތުކުރެވޭ މީހުން ޗައިނާއާ ހަވާލުކުރެވޭ ގޮތަށް ހޮންގް ކޮންގްގެ ގާނޫނަކަށް ގެންނަ ބަދަލާ ދެކޮޅަށް ކުރަމުން ދިޔަ ބޮޑު މުޒާހަރާ އިއްޔެ، ފުލުހުން ބާރުގެ ބޭނުންކޮށްގެން ރޫޅާލައިފި އެވެ.


ސަރުކާރުގެ މައި އޮފީސްތައް ކައިރީގައި އެތައް ހާސް ބަޔަކު އެއްވެ ގޮވާލަމުން ދިޔައީ އިސްލާހުތައް އަނބުރާ ގެންދިއުމަށެވެ. އެކަމަކު ޗައިނާ ސަރުކާރަށް ތާއީދުކުރާ ލެޖިސްލޭޓިވް ކައުންސިލް (ލެގްކޯ) އާއި ޗައިނާގެ ވިސްނުމާ އެއްގޮތަށް މަސައްކަތްކުރައްވާ ޗީފް އެގްޒެކްޓިވް ކެރީ ލިމް ގޮތެއް ދުލެއްނުކުރައްވަ އެވެ.

އަސަރާ އެކު ވާހަކަ ދައްކަވަމުން ލިމް ސިފަކުރެއްވި ގޮތުގައި މުޒާހަރާތަކަކީ ގަސްދުގައި ހަމަނުޖެހުން އުފެއްދުމެވެ. އަދި ހޮންގް ކޮންގް "ވައްކާލަނީ" ކަމަށް، އޭނާއަށް ނިސްބަތްކޮށް ދައްކާ ވާހަކަތައް އޭނާ ދޮގުކުރެއްވި އެވެ.

އިއްޔެ ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ވަރަށް ބޮޑެތި ހަމަނުޖެހުންތައް ހިނގި އެވެ. އެގޮތުން 60 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ. އޭގެ ތެރޭގައި ދެ މީހެއްގެ ހާލު ސީރިއަސް ކަމަށްވެ އެވެ

މިއީ ހޮންގް ކޮންގްގައި ހިނގި އެންމެ ބޮޑު އެއް ހަމަނުޖެހުމެވެ. މައި މަގުތައް ބަންދުކޮށް، ސަރުކާރު އޮފީސްތަކުގެ ވަށައިގެން ކުރަމުން ދިޔަ މުޒާހަރާ ރޫޅާލަން ފުލުހުން ވަނީ ކަރުނަ ގޭހުގެ އިތުރުން ރަބަރު އުންޑަ ވެސް ބޭނުންކޮށްފަ އެވެ.

އިއްޔެ ހަމަނުޖެހުން ބޮޑުވީ ބިލް އަނބުރާާ ގެންދަން ބާރުއެޅުމުގެ ގޮތުން މުޒާހަރާގެ ބައިވެރިން އޮފީސްތަކުގެ ތެރެއަށް ވަދެގަންނަން އުޅުމުންނެވެ.

ބިލްގެ ދެ ވަނަ ކިޔުން އިއްޔެ ބާއްވަން އޮތެވެ. އެކަމަކު މުޒާހަރާ ވަރުގަދަވުމާއި ލެގްކޯގެ މެމްބަރުންނަށް އޮފީހަށް ނުވަދެވޭ ގޮތަށް މަގުތައް ބަންދުކޮށްފައި އޮތުމުން އެ ކިޔުން ވަނީ ފަސްކޮށްފަ އެވެ.

ހޮންގް ކޮންގްގެ ސަރުކާރުން ގެންދަނީ ރައްޔިތުންނަށް ބައެއް ކަންކަން ކަށަވަރުކޮށްދެމުންނެވެ. އެގޮތުން އެ ގާނޫނު އިސްލާހުކުރިޔަސް، ސިޔާސީ އަދި ދީނީ ހަރަކާތެއްގެ ތުހުމަތުކުރެވޭ އެއްވެސް މީހަކު ޗައިނާއާ ހަވާލުނުކުރާނެ ކަމަށް ކަނޑައެޅުން ހިމެނެ އެވެ. އޭގެ އިތުރުން ޗައިނާއާ ހަވާލުކުރާނީ ހަތް އަހަރަށް ވުރެ ދިގު މުއްދަތުގެ ހުކުމެއް އަންނަ ކުށްކުށުގެ ތުހުމަތުކުރެވޭ މީހުން ކަމަށް، ސަރުކާރުން ބުނެ އެވެ.

އެކަމަކު މުޒާހަރާގެ ބައިވެރިން އެ ވާހަކަތައް ގަބޫލެއްނުކުރެ އެވެ. އެމީހުންގެ ގޮވާލުމަކީ މުޅި ބިލް އަނބުރާ ގެންދިއުމެވެ.

ހޮންގް ކޮންގް މުޒާހަރާގެ ބައިވެރިިޔަކު ދުރަށް ލާން ފުލުހުން ފެން ޖަހަނީ: ފުލުހުން އިއްޔެ ބާރުގެ ބޭނުންކޮށް، ސަރަހައްދު ވަނީ ސާފުކޮށްފައި

މުޒާހަރާކުރަމުން ދިޔަ މައި ސަރަހަައްދު ދޫކޮށް މިވަގުތު ގިނަ ބަޔަކު ދިޔަ ނަމަވެސް ބިލްގެ ކިއުން އޮންނަ ދުވަހު އަަނެއްކާވެސް މީހުން އެއްވާނެ ކަމަށް ބެލެވެ އެވެ.

ގާނޫނަށް އިސްލާހު ގެންނަނީ ކީއްވެ؟

މިހާރު ގެންނަން އުޅޭ އިސްލާހުތަކުގައި ވާ ގޮތުން ޗައިނާ އާއި ތައިވާން އަދި މަކާއޯގެ ރަސްމީ ފަރާތްތަކުން އެދިއްޖެ ނަމަ ތުހުމަތުކުރެވޭ މީހާ އެތަންތަނާ ހަވާލުކުރަން ޖެހޭނެ އެވެ. މި ބަދަލު ގެންނަން އުޅެނީ މިދިއަ އަހަރުގެ ފެބްރުއަރީ މަހު ހޮންގް ކޮންގްގެ 19 އަހަރުގެ ފިރިހެނަކު އޭނާގެ 20 އަހަރުގެ ލޯބިވެރިޔާ ތައިވާންގައި މަރާލިކަމުގެ ތުހުމަތު އެޅިފައި އޮއްވާ ފިލައިގެން ހޮންގް ކޮންގް އަށް ދިޔުމުންނެވެ. އޭރު ދެ މީހުން ގެންދިޔައީ އެކުގައި ޗުއްޓީ ހޭދަކުރަމުންނެވެ. އަދި ލޯބިވެރިޔާ މަރާލި އިރު އޭނާ އިނީ ބަލިވެ އެވެ.

ފިރިހެންމީހާ ތައިވާނާ ހަވާލުކުރަން ތައިވާނުން އެދުނު ނަމަވެސް ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުމެއް ހެދިފައި ނެތުމުން އެކަން ކުރެވޭ ގޮތެއް ނުވި އެވެ.

މިހާރު އޮތް ގާނޫނަށް އިސްލާހު ގެނަޔަސް ހޮންގް ކޮންގްގެ ރަސްމީ ފަރާތްތަކުން ބުނީ އެގޮތަށް ހަވާލުކުރާ މީހުންނާ މެދު ގޮތެއް ނިންމާނީ ހޮންގް ކޮންގްގެ ކޯޓުތަކުން ކަމަށެވެ. އަދި އާންމުންގެ ރުހުން ހޯދުމުގެ ގޮތުން ބިލަށް ވަނީ އެހެން ބަދަލުތަކެއް ވެސް ގެނެސްފަ އެވެ. އެއީ މަދުވެގެން ހަތް އަހަރުގެ ހުކުމެއް ނާންނަ އެއްވެސް ކުށެއްގެ ތުހުމަތުގައި މީހުން ޗައިނާއާ ހަވާލުނުކުރުމެވެ. އަދި ސިޔާސީ ގޮތުންނާއި ދީނީ ކަންކަމާ ގުޅުވައިގެން އެއްވެސް މީހަކު ފޮނުވާނުލާނެ ކަމަށް ވެސް ރަސްމީ ފަރާތްތަކުން ބުނެ އެވެ.

ހޮންގް ކޮންގް އާއި ޗައިނާގެ ދެ ނިޒާމް

އިނގިިރޭސންގެ އަތްދަށުގައި 1841 އިން ފެށިގެން 1997 އާ ހަމައަށް އޮތް ހޮންގް ކޮންގް ޗައިނާއާ ހަވާލުކުރީ، ޗައިނާގައި އޮންނަ ނިޒާމްތަކާ ހިލާފަށް ވަރަށް ގިނަ ކަންކަން، ބޭސިކް ލޯގެ ގޮތުގައި މަޝްހޫރު ކުޑަ ގާނޫނުއަސާސީއަކުން، ކަށަވަރުކޮށްފަ އެވެ. އެކަމަކު ބޭސިކް ލޯގެ މުއްދަތަކީ 50 އަހަރެވެ.

މިހާތަނަށް ވެސް ހޮންގް ކޮންގް ހިންގަމުން އަންނަނީ "އެއް ގައުމެއް، ދެ ނިޒާމެއް"ގެ އުސޫލުތަކުގެ ދަށުންނެވެ. އެގޮތުން ހޮންގް ކޮންގްގައި މިނިވަން ޝަރުއީ ނިޒާމެއް އޮވެ އެވެ. އަމިއްލަ ގާނޫނުތައް ހެދެ އެވެ. އިގުތިސާދީ ނިޒާމް ތަފާތެވެ. އަދި ފައިސާގެ ގޮތުގައި ހޮންގް ކޮންގް ޑޮލަރު ބޭނުންކުރެވެ އެވެ.

ޗައިނާއަށް ބާރު ލިބެނީ ހާރިޖީ ގުޅުންތަކާއި ދިފާއީ ބައިގަ އެވެ. އަދި ޗައިނާ އާއި ހޮންގް ކޮންގްއާ ދެމެދު ދަތުރުކުރަން ވިސާ ނުވަތަ ހުއްދައެއް ބޭނުންވެ އެވެ.

ބޭސިކް ލޯގެ މުއްދަތު 2047 ގައި ހަމަވުމުން ހޮންގް ކޮންގްގެ އެތެރޭގެ މިނިވަންކަމާ މެދު ވާނެ ގޮތެއް ސާފެއް ނޫނެވެ.