ބަހުރޭނުގައި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އެކްޓިވިސްޓް ދޫކޮށްލަން އެމެރިކާ އިން ގޮވާލައިފި

ވޮޝިންޓަން (ސެޕްޓެމްބަރު 7) - ބަހުރޭނުގައި ބަންދުކޮށްފައި ހުރި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އެކްޓިވިސްޓް ނަބީލް ރަޖަބު ވަގުތުން ދޫކޮށްލުމަށް ސްޓޭޓް ޑިޕާޓްމަންޓުން ގޮވާލައިފި އެވެ.


ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާން ވިދާޅުވީ ރަޖަބު ބަންދުކޮށްފައި ބެހެއްޓުމާއި އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ އެކު އެމެރިކާ އިން ވަރަށް ކަންބޮޑުވާ ކަމަށެވެ.

ނިއު ޔޯކް ޓައިމްސް އަށް ރަޖަބު ސިޓީއެއް ފޮނުވުމާ ގުޅިގެން އޭނާގެ މައްޗަށް އިތުރު ދައުވާތަކެއް ވަނީ އުފުލައިފަ އެވެ. ނިއު ޔޯކް ޓައިމްސް އަށް ފޮނުވި ސިޓީގައި ރަޖަބު ބުނެފައި ވަނީ އޭނާ ބަންދުކޮށްފައި ބަހައްޓަނީ އެކަހެރިކޮށް ކަމަށާއި ބަހުރޭނުގެ ޖަލުތަކުގައި ގާތްގަނޑަކަށް 4،000 ސިޔާސީ ކުށްވެރިން ތިބޭނެ ކަމަށެވެ.

ބަހުރޭން ހިއުމަން ރައިޓްސް ސެންޓަރު 2002 ވަނަ އަހަރު އުފެއްދި ފަހުން ރަޖަބުގެ މައްޗަށް ވަނީ ތަފާތު ދައުވާތައްކޮށް އެކި ފަހަރު މަތިން ޖަލަށްލައިފަ އެވެ.

ބަހުރޭން ސަރުކާރާ ދެކޮޅަށް ބާއްވާ އެއްވުންތަކުގައި އާއްމުކޮށް ނަބީލް ރަޖަބުގެ ފޮޓޯ ބޭނުން ކުރޭ. --ފޮޓޯ:އޭއެފްޕީ

"މިއީ ޑިމޮކްރެސީ އަށް މަސައްކަތް ކޮށްފި ނަމަ މީހުން ޖަލަށްލާ އަނިޔާކޮށް އަދި މަރާ ވެސް ގައުމެއް،" ނިއު ޔޯކް ޓައިމްސްގައި ރަޖަބު ލިޔެފައިވެ އެވެ.

ނިއު ޔޯކް ޓައިމްސް އަށް ރަޖަބު ލިޔުން ފޮނުވުމާ ގުޅިގެން އެ ގައުމުގެ ޕްރޮސެކިއުޓަރުން ވަނީ ބޭރުގެ ނޫހަކަށް ލިޔުމެއް ފޮނުވި ގޮތް ނޭނގޭ މީހަކަށް ދައުވާ ކުރާނެ ކަމަށް ބުނެފަ އެވެ. އެކްޓިވިސްޓުން ބުނެފައި ވަނީ އެ މީހަކީ ރަޖަބު ކަމަށެވެ.

ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާން މާކް ޓޯނާ ވިދާޅުވީ ރަޖަބު ވަގުތުން ދޫކޮށްލުމަށް ބަހުރޭން ސަރުކާރަށް ގޮވާލާ ކަމަށެވެ.

"ބަހުރޭނުގެ އިންސާނީ ހައްގުތަކުގެ ހާލަތާ މެދު ވަރަށް ބޮޑަށް ކަންބޮޑުވޭ. މި ބާވަތުގެ ހުރިހާ ކަމަކާ ގުޅޭ ގޮތުން ބަހުރޭން ސަރުކާރާ މިދަނީ ވާހަކަ ދައްކަމުން،" ތަރުޖަމާން ވިދާޅުވި އެވެ.

ބަހުރޭން ސަރުކާރާ ދެކޮޅަށް ހިންގި ގިނަ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވެފައި ވަނީ ރަޖަބެވެ. ބަހުރޭނުގައި 2011 ވަނަ އަހަރު ވަނީ ޑިމޮކްރެސީ އަށް އެދި ގޮވާލާ އެތައް ބަޔަކު މަގުތަކަށް ނުކުމެފަ އެވެ. މި ހަމަނުޖެހުންތައް ހުއްޓުވުމަށް އަވަށްޓެރި ގައުމުތަކުން ވަނީ ބަހުރޭނުން ސިފައިން ގެނެސްފަ އެވެ.