ލަންކާގެ ކުއްލި ނުރައްކަލުގެ ހާލަތު އަނެއްކާވެސް އިތުރުކޮށްފި

ކޮލަމްބޯ (ޖޫން 23) - ސްރީ ލަންކާގައި އެޕްރީލް މަހު ދިން އީސްޓާ ބޮމުގެ ހަމަލާއާ ގުޅިގެން ހިންގި ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު ރައީސް މައިތުރިޕާލާ ސިރިސޭނާ އަނެއްކާ ވެސް އިތުރު ކުރައްވައިފި އެވެ.


ކުއްލި ނުރައްކަލުގެ ހާލަތު އެއް މަހަށް އިތުރު ކުރަން ޖެހުނީ ސިރިސޭނާ ވިދާޅުވި ގޮތުގައި، އާއްމުންގެ ސަލާމަތާއި ރައްކާތެރި ކަމަށް އަދިވެސް ނުރައްކާ އޮތް ކަމަށް ބެލެވޭތީ އެވެ. ކުއްލި ނުރައްކަލުގެ ހާލަތުގައި ސަލާމަތީ ފަރާތްތަކަށް ވަނީ ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކުރުމަށް އާދަޔާޚިލާފު ބާރުތަކެއް ދީފަ އެވެ. ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު ހަމަވާން އޮތީ އިއްޔެ އެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިތުރު ކުރެވޭނީ މަސް ދުވަހަށެވެ. އަދި އެކަން 10 ދުވަސްތެރޭ ޕާލަމެންޓުން ފާސްކުރަން ޖެހެ އެވެ.

އެޕްރީލް 21 ވަނަ ދުވަހު ލަންކާގެ ތިން ފައްޅިއަކާއި ލަގްޒަރީ ތިން ހޮޓަލުގައި ނުވަ މީހަކު އަމިއްލަ އަށް މަރުވެގެން ދިން ބޮމުގެ ހަމަލާތަކުގައި 258 މީހުން މަރުވެ 500 އަށް ވުރެ ގިނަ މީހުން ޒަޚަމްވި އެވެ. ބޮން ގޮއްވާފައި ވަނީ ނޭޝަނަލް ތައުހީދު ޖަމާއަތަށް ނިސްބަތްވާ ނުވަ މީހެކެވެ. އެ ހަމަލާތަކަށް ފަހު ހައްޔަރުކުރި މީހުންގެ ތެރޭން 100 އަށް ވުރެ ގިނަ މީހުން ފުލުހުންގެ ބެލުމުގެ ދަށުގައި އަދިވެސް އެބަތިއްބެވެ. އޭގެ ތެރޭގައި 10 އަންހެނުން ވެސް ހިމެނެ އެވެ.

މެއި މަހު ފަހުކޮޅު އޮސްޓްރޭލިއާ، ކެނެޑާ، ޖަޕާން، އެމެރިކާ އަދި ޔޫރަޕިއަން ޔޫނިއަންގެ ޑިޕްލޮމެޓުންނާ ބައްދަލު ކުރައްވާ ސިރިސޭނާ ވިދާޅުވެފައި ވަނީ ގައުމުގެ ސަލާމަތީ ހާލަތު "99 ޕަސެންޓް ރަނގަޅުވެފައިވާ" ކަމަށެވެ. އަދި ކުއްލި ނުރައްކަލުގެ ގާނޫނުތަކަށް ޖޫން 22 ވަނަ ދުވަހު ލުއިތައް ދެއްވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ. ޑިޕްލޮމެޓުންގެ އަރިހު ސިރިސޭނާ ވިދާޅުވެފައި ވަނީ ބޮމުގެ ހަމަލާތަކާ ސީދާ ގުޅުން ހުރި އެންމެން މަރާލައި ނުވަތަ ހައްޔަރުކޮށްފައިވާ ކަމަށެވެ.

ނަމަވެސް ސިރިސޭނާ އެހެން ވިދާޅުވެފައިވާ އިރު ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު ކުރި ސީދާ ސަބަބެއް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ. ވެރިރަށް ކޮލަމްބޯގައި ސަލާމަތީ ފިޔަވަޅުތައް އަދިވެސް ވަނީ ވަރުގަދަކޮށްފަ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކުރި އިރު، ބޮމުގެ ހަމަލާ އަށް އިހުމާލުވި ފުލުހުންގެ އިސް އޮފިސަރުންގެ މައްޗަށް ވަނީ ޖިނާއީ ތަހުގީގެއް ފަށައިފަ އެވެ.

ބޮމުގެ ހަމަލާ ދޭން އުޅޭކަމުގެ އިންޓަލިޖެންސް މައުލޫމާތު ކުރިން ލިބި ފިޔަަވަޅު އަޅާފައި ނުވާތީ ސަލާމަތީ އިސް ފަރާތްތަކުގެ އިތުރުން ސިރިސޭނާ އަށް ވެސް ވަނީ ފާޑުކިޔުންތައް އިތުރުވެފަ އެވެ. ޑިފެންސް މިނިސްޓަރު ކަމާއި ލޯ އެންޑް އޯޑާ މިނިސްޓަރުކަން ކުރައްވަނީ ވެސް ސިރިސޭނާ އެވެ.

އެކާވީސް މިލިއަން މީހުން ދިރިއުޅޭ ލަންކާގެ އާބާދީގެ ބޮޑު ބަޔަކީ ބުޑިސްޓުންނެވެ. މުސްިމުންގެ ނިސްބަތް 10 ޕަސެންޓުގައި އުޅޭ އިރު ކްރިސްޓިއަންގެ ނިސްބަތަކީ 7.6 ޕަސެންޓެވެ.