އަންހެނަކު ނިދިން ހޭލެވުނު އިރު ފްލައިޓް ތެރޭ، ކަނު އަނދިރީގައި

އޮޓާވާ (ޖޫން 24) - އެއާ ކެނެޑާގެ މަތިންދާ ބޯޓަކުން ދަތުރު ކުރި އަންހެނަކު ފްލައިޓްގައި ނިދިފައި ހޭލެވުނު އިރު އޭނާ އިންނަން ޖެހުނީ ފްލައިޓް ތެރޭ ކަނު އަނދިރީގައި، އެކަނި ކަމަށް ބުނެފި އެވެ.


ޓިފަނީ އެޑަމްސް ނަމަކަށް ކިޔާ މީހާ ބުނީ ޖޫން 9 ވަނަ ދުވަހު އޭނާ ކުރި ދަތުރުގައި ނިދުނު އިރު ބޯޓު ދިޔައީ ކުއެބެކް ސިޓީން ޓޮރޮންޓޯ އަށް ދަތުރު ކުރަމުން ކަމަށެވެ. އެކަމަކު އޭނާ އަށް ހޭލެވުނު އިރު ބެލްޓު އަޅައިގެން އިން ގޮތަށް ބޯޓު ތެރޭގައި އިނީ ގަދަފިނީގައި، ކަނު އަނދިރީގައި އެކަނިމާ އެކަންޏެވެ. އޭރު އެންމެން ވަނީ ބޯޓުން ފައިގެން ގޮހެވެ. ބޯޓު ވެސް އޮތީ ޕާކްކޮށްފަ އެވެ.

އެއާ ކެނެޑާ އިން ވެސް ވަނީ އެކަން ހިނގިކަން ޔަގީންކޮށްދީފަ އެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވަނީ ބުނެފަ އެވެ.

ޓިފަނީ އެޑަމްސް ފޭސްބުކްގައި ބުނެފައި ވަނީ އޭނާ އަށް ހޭލުވުނީ މެންދަމު ކަމަށެވެ. އޭރު ފްލައިޓް ޖެއްސިތާ އެތައް އިރެއް ވެއްޖެ އެވެ. ބޯޓު ތެރޭގައި އަނދިރީގައި އެކަނި އިންކަން އެނގުމުން ވަރަށް ބިރު ގަތް ކަމަށް ބުންޏެވެ. ޓިފަނީ ވަރަށް އުނދަގުލުން ނަމަވެސް އޭނާގެ ރަހުމަތްތެރިއެއް ކަމަށްވާ ޑެނާ ޑޭލް އަށް ފޯނު ކުރި އެވެ. ރަހުމަތްތެރިއާ އަށް ގުޅާ އޭނާ އަށް ވީގޮތް ކިޔައިދެމުން ދަނިކޮށް ފޯނުން ވަނީ ބެޓްރީ ހުސްވެފަ އެވެ.

ޑޭލް ވަނީ ޓޮރޮންޓޯ ޕިއާސަން އެއާޕޯޓަށް ގުޅައި ޓިފަނީ އެކަނި ބޯޓުގައި އިން ވާހަކަ ބުނެފަ އެވެ.

ބޯޓު ތެރޭގައި އެކަނި އިންނަން ޖެހުނު ނަމަވެސް ޓިފަނީ ވަނީ ކޮކްޕިޓުގައި އޮތް ޓޯޗެއް ހޯދައިގެން އަލިކޮށްގެން އެއްވެސް މީހެއްގެ ސަމާލުކަން ލިބޭތޯ ބަލައިފަ އެވެ. ޓިފަނީ ބޯޓުގައި އުޅޭކަން އެންމެ ފުރަތަމަ ފާހަގަވީ ލަގޭޖް އޮޕަރޭޓަރަކަށެވެ.

ޓިފަނީ ބުނީ އެއާ ކެނެޑާގެ ސްޓާފުން އޭނާ އަށް ހޮޓަލެއް ހަމަޖައްސައިދިން ނަމަވެސް ބޭނުންވީ އަވަހަށް ގެއަށްދާން ކަމަށެވެ. އަދި ތަހުގީގަށް އެއާ ކެނެޑާގެ އޮފިޝަލުން އޭނާ އަށް ގުޅަމުންދާ ކަމަށާ އަދި މައާފަށް އެދިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.