ރަޝިޔާގެ ޖެޓެއް ވަނީ އެމެރިކާގެ ބޯޓަކާ 10 ފޫޓަށް ކައިރިވެފައި

ވޮޝިންޓަން (ސެޕްޓެމްބަރު 8) - ރަޝިޔާގެ ހަނގުރާމަ މަތީ މަތިންދާ ބޯޓެއް ކަޅު ކަނޑުގެ މަތިން އެމެރިކާގެ ސާވޭ މަތިންދާ ބޯޓަކާ 10 ފޫޓަށް ކައިރިވެފައިވާ ކަމަށް ޕެންޓަގަނުން ބުނެފި އެވެ.


އެމެރިކާގެ އޮފިޝަލުން ބުނީ ރަޝިޔާގެ އެސްޔޫ-27 ޖެޓުން ބުދަ ދުވަހު ކޮށްފައި ވަނީ ވަރަށް ނުރައްކާ އަދި ޕްރޮފެޝަނަލް މިންގަނޑުން މުޅިން ބޭރު އަމަލެއް ކަމަށެވެ. ރަޝިޔާގެ ދިފާއީ ވުޒާރާ އިން ބުނީ އެމެރިކާގެ ބޯޓު ވަނީ ރަޝިޔާގެ ސަރަހައްދުގެ ތެރެއަށް ވަދެ ދަތުރުކޮށްފައި ކަމަށާއި އެސްޔޫ-27 އިން އަމަލުކޮށްފައި ވަނީ ބައިނަލްއަގުވާމީ ގާނޫނާ އެއްގޮތަށް ކަމަށެވެ. ރަޝިޔާ އިން މި ދުވަސްވަރު ދަނީ ކަޅު ކަނޑުގައި އަސްކަރީ ތަމްރީނުތަކެއް ހަދަމުންނެވެ.

އެމެރިކާ އިން ބުނީ ކަޅު ކަނޑު މަތިން ޕީ-8 ގެ ބޯޓު ދަތުރުކުރީ ކޮންމެ ދުވަހެއްގެ ވެސް އާދައިގެ މަތިން އޮންނަ ޗެކް ކުރުމުގެ އުދުހުމެއްގައި ކަަމަށް.

ޕެންޓަގަންގެ ތަރުޖަމާން ކެޕްޓަން ޖެފް ޑޭވިސް ވިދާޅުވީ ރަޝިޔާގެ ހަނގުރާމަ މަތީ ބޯޓުން ނުރައްކާތެރި ހާދިސާ ހިންގާފައި ވަނީ އެމެރިކާގެ ކަނޑުގެ ސިފައިންގެ ޕީ-8އޭ މަތިންދާ ބޯޓުން ބައިނަލްއަގުވާމީ ސަރަހައްދުގެ ތެރޭގައި ދަތުރު ކުރަމުން ދަނިކޮށް ކަމަށެވެ. އަދި މިއީ ނުރައްކާތެރި އެކްސިޑެންޓެއް ކުރިމަތިވެ ދެ ގައުމުގެ މަސްރަހު އިތުރަށް ގޯސްވެދާނެ ހާދިސާއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޔޫކްރޭނުގެ ކްރިމިއާ ރަޝިޔާގެ ބައެއްގެ ގޮތުގައި މާޗް، 2014 ގައި ހަމަޖެއްސި ފަހުން އެމެރިކާ އާއި ރަޝިޔާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. އެމެރިކާ އިން އެޕްރީލް މަހު ވެސް ވަނީ ރަޝިޔާގެ ހަނގުރާމަ މަތީ ޖެޓެއް އެ ގައުމުގެ ޖާސޫސީ ބޯޓަކަށް ކަޅު ކަނޑު މަތިން ހުރަސް އަޅާފައިވާ ކަމަށް ބުނެފަ އެވެ.

އިބްރާހިމް ހަމްޒާ ޚަލީލް

3

ގަލޮޅު އުތުރު ދާއިރާ