ލަންކާގެ އެވަންޓް ގާޑުގެ ޗެއާމަން ހައްޔަރުކޮށްފި

ކޮލަމްބޯ (ސެޕްޓެމްބަރު 8) - ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ވެރިކަމުގެ ދުވަސްވަރު ސަރުކާރުގެ ހަތިޔާރު ބޭނުންކޮށްގެން ކަނޑުމަތީގައި ސަލާމަތީ ގޮތުން ޚިދުމަތް ދިން ކުންފުންޏެއް ކަމަށްވާ އެވަންޓް ގާޑް މެރިޓައިމް ސާވިސްގެ ޗެއާމަން މޭޖާ ނިސާންކާ ސެނާދިޕަތީ ހައްޔަރުކޮށްފި އެވެ.


ކަނޑުމަތީގައި ފްލޯޓިން އާމަރީއެއްގެ ގޮތުގައި އެވަންޓް ގާޑުން ހަތިޔާރު ބޯޓެއް ގެންގުޅުނު މައްސަލާގައި ރާޖަޕަކްސާގެ ކޮއްކޮ ގޮތަބަޔާއާ ވެސް ވަނީ ސުވާލުކޮށްފަ އެވެ. އެ ދުވަސްވަރު ޑިފެންސް މިނިސްޓްރީ ހިންގަވާފައި ވަނީ ގޮތަބަޔާ އެވެ.

ކުރީގެ ސަރުކާރުގެ މައްސަލަތައް ބަލާ ބްރައިބަރީ ކޮމިޝަނުން ސުވާލު ކުރުމަށް ސެނާދިޕަތީ ހައްޔަރު ކުރި ނަމަވެސް ކޮލަމްބޯ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ވަނީ ކަފާލާތުގެ ދަށުން މިނިވަންކޮށްފަ އެވެ. ސެނާދިޕަތީއާ އެކު ހައްޔަރު ކުރި ސިފައިންގެ ކުރީގެ މޭޖާ ޖެނެރަލެއް ކަމަށްވާ ޕަލިތާ ފެނާންޑޯ ވެސް އިއްޔެ ވަނީ ހައްޔަރުކޮށް ކޯޓަށް ހާޒިރުކޮށްފަ އެވެ. އޭނާ ވެސް ވަނީ ކޯޓުން ދޫކޮށްލައިފަ އެވެ.

ސްރީ ލަންކާ ސަރުކާރުގެ ކުރީގެ ބާރުގަދަ ޑިފެންސް ސެކްރެޓަރީ ގޮތަބަޔާ.

ހަތިޔާރު ބޯޓުގެ މައްސަލަ ބަލާ ތަހުގީގު ކުރާ ކޮމިޝަނުން ވަނީ ސެނާދިޕަތީއާ އިތުރު ހަތް މީހެއްގެ މައްސަލަ ކޮލަމްބޯ މެޖިސްޓްރޭޓް ކޯޓަށް މި މަހު 1 ވަނަ ދުވަހު ހުށަހަޅައިފަ އެވެ. މީގެ ތެރޭގައި ގޮތަބަޔާގެ އިތުރުން ސިފައިންގެ ކުރީގެ ތިން ކޮމާންޑަރުން ވެސް ހިމެނެ އެވެ.

ގޮތަބަޔާގެ މައްޗަށް ދައުވާ ކުރަނީ ސަރުކާރުގެ ހަތިޔާރުތައް އަމިއްލަ ކުންފުންޏަކަށް ދީގެން ނާޖާއިޒު ގޮތުގައި ފައިދާ ހޯދާފައިވާތީ އެވެ. ގޮތަބަޔާ ހިންގެވި ކޮރަޕްޝަނުން ދައުލަތަށް 75 މިލިއަން ޑޮލަރަށް ވުރެ ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް ބުނެފައިވެ އެވެ. ކަނޑުމަތީގެ ބޯޓެއްގައި އާމަރީއެއް ހަދައިގެން ހަތިޔާރު ގެންގުޅުމާއި ވެރިރަށް ކޮލަމްބޯ އިން ހަތިޔާރު ގުދަނެއް ފެނިފައި ވަނީ ރާޖަޕަކްސާގެ ވެރިކަން ނިމުނުތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގަ އެވެ. ގޮތަބަޔާގެ ނުފޫޒުން ހަތިޔާރު ސަޕްލައިކޮށްދީފައިވާ އެވަންޓް ގާޑް ސެކިއުރިޓީ ސާވިސް ކުންފުނިން ބުނެފައި ވަނީ ކަނޑުމަތީގެ އާމަރީ ބޭނުންކޮށްފައި ވަނީ ކަނޑުފޭރޭ ބޯޓުތަކުން ހިމާޔަތް ހޯދައިދިނުމަށް ކަމަށެވެ.