ކެލިފޯނިއާ އަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ކެލިފޯނިއާ (ޖުލައި 6) - އެމެރިކާގެ ކެލިފޯނިއާގެ ދެކުނުގެ ހިސާބުތަކަށް ބާރުގަދަ ބިންހެލުމެއް މިއަދު އަތުވެއްޖެ އެވެ. މި ބިންހެލުމުގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެ އެވެ.


ރިކްޓާ މިންގަނޑުން 7.1 ގެ ބާރު މިނުގައި އައި ބިންހެލުމަކީ ވޭތުވެދިޔަ 20 އަހަރު ތެރޭ ވެސް އެ ސްޓޭޓަށް އައި އެންމެ ބާރުގަދަ ބިންހެލުމެކެވެ. މިއަދުގެ ބިންހެލުން އައި އިރު ބުރާސްފަތި ދުވަހު ވެސް އެ ސްޓޭޓަށް ވަނީ 6.4 ގެ ބާރު މިނުގެ ބިންހެލުމެއް އައިސްފަ އެވެ.

ކެލިފޯނިއާ އަށް އައި ބިންހެލުމުގެ އަސަރު ވަނީ ޖެހިގެން އޮތް ނެވާޑާ ސްޓޭޓުގެ ލަސް ވެގަސް އާއި މެކްސިކޯ ބޯޑަރާ ހަމައަށް ކޮށްފަ އެވެ. ބިންހެލުމުގެ ލޮޅުންތަކާ ގުޅިގެން ލަސް ވެގަސްގައި ވަނީ ނިއު ޔޯކް ނިކްސް އާއި ނިއު އޯލިއަންސް ޕެލިކަންސް ބައްދަލުކުރި ބާސްކެޓް ބޯޅަ މެޗެއް ހުއްޓާލަން ޖެހިފަ އެވެ.

ކެލިފޯނިއާގެ އިމަޖެންސީ ސާވިސް އިން ބުނީ ބިންހެލުމާ ގުޅިގެން އަލިފާނުގެ ހާދިސާ އާއި ގޭސް ލީކުވުމުގެ ހާދިސާތައް ރިޕޯޓްކޮށްފައިވާ ކަމަށެވެ.