ނަވާޒް ޝަރީފަށް ހުކުމްކުރި ފަނޑިޔާރަށް ވަނީ ބިރު ދައްކާފައި

އިސްލާމްއާބާދު (ޖުލައި 7) - ޕާކިސްތާންގެ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފަށް ހުކުމްކުރި އެކައުންޓެބިލިޓީ ކޯޓުގެ ފަނޑިޔާރަށް ވަނީ ކޮންމެވެސް ފަރާތަކުން ބިރުދައްކާފައި ކަމަށް ނަވާޒް ޝަރީފުގެ ދަރިކަނބަލުން އަދި ޕާކިސްތާން މުސްލިމް ލީގު-ނަވާޒްގެ ލީޑަރު މަރިޔަމް ނަވާޒް ވިދާޅުވެއްޖެ އެވެ.


ލާހޯރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މަރިޔަމް ވިދާޅުވީ އަލް އަޒީޒިއާ ސްޓީލް މިލްސް މައްސަލާގައި ބައްޕާފުޅަށް ޑިސެމްބަރު 24، 2018 ގައި ހަތް އަހަރުގެ ޖަލު ހުކުމެއް ކުރި އިސްލާމްއާބާދުގެ އެކައުންޓެބިލިޓީ ކޯޓުގެ ފަނޑިޔާރު އަރްޝަދު މާލިކަށް "ފޮރުވިފައި ތިބި ބަޔަކު" ބިރު ދައްކާ ވަކި ގޮތަކަށް ހުކުމް ނެރެން މަޖްބޫރުކޮށްފައިވާ ކަމަށް ޕީއެމްއެލް-އެންގެ ސަޕޯޓަރެއްގެ ގާތު ފަނޑިޔާރު އެއްބަސްވެފައިވާ ކަމަށެވެ.

އުމުރުން 69 އަހަރުގެ ނަަވާޒް ޝަރީފުގެ ބޮޑު ވަޒީރުކަން ސައްހަ ނޫން ކަމަށް ސުޕްރީމް ކޯޓުން ޖުލައި 28، 2017 ގައި ކުރި ހުކުމްގައި ވަނީ އަލް އަޒީޒިއާ ސްޓީލް މިލްސްގެ މައްސަލަ ބަލަން އަންގައިފަ އެވެ.

ނަވާޒް ޝަރީފް ވިދާޅުވެފައި ވަނީ ކޮރަޕްޝަނުގެ އެއްވެސް އަމަލެއް ހިންގާފައި ނުވާނެ ކަމަށާއި އޭނާގެ މައްޗަށް ނެރެފައި ވަނީ ސިޔާސީ ހުކުމެއް ކަމަށެވެ.

މަރިޔަމް ވަނީ ނަވާޒް ޝަރީފުގެ މައްޗަށް ސާބިތު ކުރެވޭ ވަރުގެ ހެއްކެތް ނެތް ނަމަވެސް ހުކުމް ކުރަން މަޖްބޫރުވެފައިވާ ކަމަށް ފަނޑިޔާރު ވިދާޅުވާ ކަމަށް ބުނާ ވީޑިއޯއެއް ވެސް އާއްމުކޮށްފަ އެވެ.

ޕާކިސްތާން ސަރުކާރުން ބުނެފައި ވަނީ އެއީ އޮޅުވާލައިގެން ހަދާފައިވާ ވީޑިއޯއެއް ކަމަށާ އަދި އެ ވީޑިއޯގެ ފޮރެންސިކް އޯޑިޓެއް ހެދުމަށް ވަނީ އަންގައިފަ އެވެ. އަދި އެފަދަ ކަމެއް ކުރުމަކީ ޖުޑިޝަރީ އަށް ދިން ހަމަލާއެއް ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

މަރިޔަމް ވިދާޅުވީ ފަނޑިޔާރުގެ ވީޑިއޯ އާއްމުވުމާ އެކު އޭނާގެ ބައްޕަ އެންމެ ހިނދުކޮޅަކު ވެސް ޖަލުގައި ބަހައްޓައިގެން ނުވާނެ ކަމަށެވެ.