ބޮމުގެ ހަމަލާއާ ގުޅިގެން ސަލާމަތީ ފަރާތްތަކުގެ ވެރިންނަށް މަރުގެ ދައުވާ ނުކުރެވޭނެ: ކޯޓު

ކޮލަމްބޯ (ޖުލައި 10) - ސްރީ ލަންކާގައި ދިން ބޮމުގެ ހަމަލާއާ ގުޅިގެން ސަލާމަތީ ފަރާތްތަކުގެ އިސްވެރިންގެ މައްޗަށް މަރުގެ ދައުވާ ނުކުރެވޭނެ ކަމަށް ލަންކާގެ ކޯޓަކުން އިއްޔެ ބުނެފި އެވެ.


އެޕްރީލް 21 ވަނަ ދުވަހު ބޮމުގެ ހަމަލާ ދިން އިރު ފުލުހުންގެ ވެރިއަކަށް ހުރި ޕުޖިތު ޖަޔަސުންދަރަ އާއި ޑިފެންސް ސެކްރެޓަރީ ހެމަސިރީ ފެނާންޑޯ ކޯޓަށް ހާޒިރު ކުރުމުގެ ބަދަލުގައި އެ މީހުންގެ ފަރާތުން ކޯޓުގައި ތަމްސީލްކޮށްފައި ވަނީ ވަކީލުންނެވެ. ދެ މީހުން ވެސް ބަލި ހާލަތު ހުރި ގޮތުން ގެންދަނީ ހޮސްޕިޓަލުން ފަރުވާ ހޯދަމުންނެވެ. ލަންކާގެ ސީއައިޑީން މިދިޔަ ހަފުތާގައި އެ ދެ މީހުން ހައްޔަރު ކުރަން ދިޔައިރު ވެސް ތިބީ ހޮސްޕިޓަލުގަ އެވެ.

އެޓާނީ ޖެނެރަލް ދައްޕުލާ ޑި ލިވެރާ ކޯޓުގައި ވިދާޅުވީ ބޮމުގެ ހަމަލާގައި ސަލާމަތީ ފަރާތްތަކުގެ އިހުމާލް އޮތް މިންވަރަކީ އެއީ "އިންސާނިއްޔަތާ ދެކޮޅަށް ހިންގި ޖިނާއީ ކުށެއް" ކަމަށާއި އެ މީހުންގެ މައްޗަށް މަރުގެ ދައުވާ ކުރެވެން ޖެހޭނެ ކަމަށެވެ. ނަމަވެސް ކޮލަމްބޯ މެޖިސްޓްރޭޓް ޖަޔަރަތުނަ ވިދާޅުވީ ބޮމުގެ ހަމަލާ ދޭން އުޅޭކަމުގެ އިންޒާރު ލިބުމާ ގުޅިގެން ސަލާމަތީ އިސް ފަރާތްތަކުން ފިޔަވަޅު އަޅާފައިނުވާކަމުގެ އެކަށީގެންވާ ހެކި ލިބިފައި ނުވާ ކަމަށެވެ.

ޖަޔަސުންދަރާ އަކީ ލަންކާގެ 152 އަހަރުގެ ފުލުހުންގެ ތާރީޚުގައި ހައްޔަރު ކުރި އެންމެ ސީނިއާ ޕޮލިސް އޮފިސަރެވެ. ބޮމުގެ ހަމަލާއާ ގުޅިގެން ފުލުހުންގެ އިތުރު ނުވަ މީހެއްގެ މައްޗަށް ވެސް ދައުވާ ކުރަން ވަނީ ނިންމައިފަ އެވެ.

ލަންކާގައި ބޮމުގެ ހަމަލާ ދޭން އުޅޭކަމުގެ އިންޒާރު އިންޑިއާ އިން ދިނީ އެޕްރީލް 4 ވަނަ ދުވަހު އެވެ.

ޖަޔަސުންދަރަ އާއި ފެނާންޑޯ ވަނީ ޕާލަމެންޓުގެ ތަހުގީގު ކޮމިޓީ އަށް ބަޔާން ދީފަ އެވެ. އެ ދެ މީހުން ވެސް ވިދާޅުވެފައި ވަނީ ގައުމީ ސަލާމަތަށް ނުރައްކާ އޮތް މިންވަރު ވަޒަން ކުރުމަށްޓަކައި ސަލާމަތީ ޕްރޮޓޮކޯލްތައް ރައީސް މިއިތުރިޕާލާ ސިރިސޭނާ ފޮލޯ ކުރަމުން ނުގެންދާ ކަމަށެވެ. އިންޓަލިޖެންސް ރިޕޯޓްތަކާ ގުޅިގެން ސީރިއަސް ގޮތެއްގައި އަމަލް ކުރައްވާފައި ނުވާތީ ލަންކާގެ ޑިފެންސް މިނިސްޓަރު ކަމާއި ލޯ އެންޑް އޯޑާ މިނިސްޓަރުކަން ކުރައްވާ ސިރިސޭނާ އަށް ވެސް ވަނީ ފާޑުކިޔުންތައް އަމާޒުކޮށްފަ އެވެ.

ލަންކާގެ ނޭޝަނަލް ތައުހީދު ޖަމާއަތް (އެންޓީޖޭ) އިން ތިން ފައްޅިއަކާއި ތިން ހޮޓަލުގައި އަމިއްލަ އަށް މަރުވެގެން ދިން ހަމަލާގައި 258 މީހުން މަރުވި އެވެ. އޭގެ ތެރޭގައި ބިދޭސީ 45 މީހުން ވެސް ހިމެނެ އެވެ.