ޓޭންކަރު ހިފެހެއްޓުމަކީ އެމެރިކާ އާއި އިނގިރޭސިން ހިތާމަ ކުރަން ޖެހޭނެ ކަމެއް: އީރާން

ތެހެރާން (ޖުލައި 12) - ޖިބްރޯލްޓާގެ ބޭރުން އީރާނުގެ ތެޔޮ ހުރި ޓޭންކަރެއް ހިފެހެއްޓި މައްސަލައިގައި އެމެރިކާ އާއި އިނގިރޭސި ވިލާތުން "ވަރަށް ބޮޑަށް ހިތާމަކުރަން" ޖެހޭނެ ކަމަށް ބުނެ އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން އިންޒާރު ދީފި އެވެ.


"ދުޝްމަނުން ކުޑަކޮށް ނަމަވެސް ހާލަތު ވަޒަންކޮށްލި ނަމަ މި ބާވަތުގެ ކަމެއް ނުކުރާނެ،" އިނގިރޭސި ސިފައިންގެ އެހީގައި ޓޭންކަރު ހިފެހެއްޓި މައްސަލަ އަށް އިޝާރާތް ކުރައްވާ ރިވޮލިއުޝަނަރީ ގާޑުގެ ޑިޕިއުޓީ ކޮމާންޑަރު ރިއާ އެޑްމިރަލް އަލީ ފަދަވީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޓޭންކަރު ހިފެހެއްޓުމަކީ އެމެރިކާ އާއި އިނގިރޭސި ވިލާތުގެ ވެރިންގެ މޮޔަކަން ކަމަށެވެ.

ޓޭންކަރު ހިފެހެއްޓުމުން ބަދަލުގައި އިނގިރޭސި ވިލާތުގެ ޓޭންކަރެއް ހިފަހައްޓަން ޖެހިދާނެކަމުގެ އިންޒާރު އީރާނުން ދީފައި ވަނިކޮށް އިނގިރޭސި ވިލާތުން ބުރާސްފަތި ދުވަހު ބުނެފައި ވަނީ އެ ގައުމުގެ ޓޭންކަރެއް ހޮރްމޫޒް ކަނޑުއޮޅިން ހިފަހައްޓަން އީރާނުން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި އެކަން ނާކާމިޔާބުވީ ޓޭންކަރާ އެކު ދަތުރުކުރި އިނގިރޭސިންގެ ކަނޑުގެ ސިފައިންގެ މަނަވަރަކުން އިންޒާރު ދިނުމުން ކަމަށް ވެސް ބުނެފައިވެ އެވެ.

ނަމަވެސް އީރާން ސަރުކާރުން އެކަން ދޮގުކުރެ އެވެ. އަދި އެއީ މަސްރަހު އިތުރަށް ގޯސްކުރަން އިނގިރޭސި ވިލާތުން ހަދާ ދޮގު ކަމަށް ވެސް އީރާނުން ވަނީ ބުނެފަ އެވެ.

ސުޕަ ޓޭންކަރު ގްރޭސް 1 ޖިބްރޯލްޓާ އިން ހިފަހައްޓާފައި ވަނީ އިނގިރޭސި ސިފައިންގެ އެހީގަ އެވެ. ޓޭންކަރު ހިފެހެއްޓީ ޔޫރަޕުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ޚިލާފަށް ސީރިއާ އަށް ތެޔޮ އުފުލާތީ އެވެ. ސީރިއާ އަށް ތެޔޮ އެތެރެ ކުރުން ޔޫރަޕުން ވަނީ 2011 ވަނަ އަހަރުން ފެށިގެން މަނާކޮށްފަ އެވެ. އެކަމަކު ސީރިއާ އަށް ތެޔޮ ގެންދިޔަ އެއްވެސް އުޅަނދެއް މީގެ ކުރިން ކަނޑުމަތިން ހިފަހައްޓައިފައެއް ނުވެ އެވެ.

ޝިޕިން ޑޭޓާ ދައްކާ ގޮތުން ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ 300،000 ޓަނުގެ ގްރޭސް 1 އަކީ ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ އައި-ޝިޕިން މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުން އޮޕަރޭޓް ކުރާ ޓޭންކަރެކެވެ. ދިގު މިނުގައި 330 މީޓަރު (1،000 ފޫޓު) ހުންނަ ޓޭންކަރުން ދެ މިލިއަން ފީފާ ތެޔޮ އުފުލެ އެވެ.