އަސްކަރީ އެއްބަސްވުމާ މެދު ސިރިސޭނާ އާއި ރަނިލް ޚިޔާލު ތަފާތުވެފައި

ކޮލަމްބޯ (ޖުލައި 12) - އެމެރިކާއާ އެކު ސޮއި ކުރަން އުޅޭ އަސްކަރީ އެއްބަސްވުމާ މެދު ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާ އާއި ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހައާ ދެމެދު ބޮޑު ޚިޔާލު ތަފާތުވުމެއް އުފެދިއްޖެ އެވެ.


އެ އެއްބަސްވުމަށް ސިރިސޭނާ ދެކޮޅު ހައްދަވާފައި ވަނިކޮށް ރަނިލް ވަނީ އާ އެއްބަސްވުމަކާ ގުޅޭ ގޮތުން މަޝްވަރާ ކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ.

ރަނިލް ވިދާޅުވީ އެމެރިކާއާ އެކު މަޝްވަރާ ކުރަމުންދަނީ 1995 ވަނަ އަހަރުގެ ސްޓޭޓަސް އޮފް ފޯސަސް (ސޯފާ) އެއްބަސްވުމުގެ ބަދަލުގައި އެހެން އެއްބަސްވުމަކާ ގުޅޭ ގޮތުން ކަމަށެވެ. ސޯފާ އެއްބަސްވުމުގެ ދަށުން އެމެރިކާ ސިފައިންނަށް ލަންކާގެ ބަނދަރުތައް ބޭނުން ކުރުމުގެ ހުއްދަ އޮވެ އެވެ.

ސިރިސޭނާ ވިދާޅުވެފައި ވަނީ އެފަަދަ ކޮންމެ އެއްބަސްވުމެއް ވީޓޯ ކުރައްވާނެ ކަމަށެވެ.

"ލަންކާގެ މިނިވަންކަމާއި ސިޔާދަތަށް ބުރޫއަރާ އެއްވެސް އެއްބަސްވުމަކަށް އަޅުގަނޑަކަށް ތާއީދެއް ނުކުރެވޭނެ. މިހާރު މަޝްވަރާ ކުރަމުންދާ ބައެއް އެއްބަސްވުންތަކަކީ ގައުމަށް ނުރައްކަލެއް. ގައުމަށް ޣައްދާރުވުމުގެ ގޮތުން ސޯފާ އެއްބަސްވުމުގައި އަޅުގަނޑު ސޮޔެއް ނުކުރާނަން. ބޭރުގެ ބައެއް ގައުމުތަކުން ބޭނުންވޭ ސްރީ ލަންކާ އަކީ އެ މީހުންގެ މަރުކަޒަކަށް ހަދަން. އެ މީހުން ލަންކާ އަށް އައިސް މި ގައުމުގެ މިނިވަންކަމާ ކުޅެން އަޅުގަނޑެއް ފުރުސަތެއް ނުދޭނަން،" ސިރިސޭނާ ވިދާޅުވެފައިވެ އެވެ.

ސިރިސޭނާ ވިދާޅުވީ އެމަނިކުފާން ވެރިކަމުގައި ހުންނެވިހާ ދުވަހަކު ގައުމީ މަސްލަހަތަށް ނުރައްކާވާ ފަދަ އެއްވެސް އެއްބަސްވުމެއްގައި ސޮއި ނުކުރައްވާނެ ކަމަށެވެ.

ރަނިލް ވިދާޅުވީ ސޯފާ އެއްބަސްވުމުގެ ދަށުން އެމެރިކާ ސިފައިން ދާއިމީ ގޮތެއްގައި ލަންކާގައި ނުތިބޭނެ ކަމަށެވެ.

"އެމެރިކާގެ ކަނޑުގެ ސިފައިންގެ ފްލީޓަކީ މަސްވެރި އުޅަނދުތަކެއް ނޫން. އެމީހުންނަށް ލަންކާ އިން ބަނދަރުތަކެއް ބޭނުމެއް ނުވާނެ،" ރަނިލް ވިދާޅުވި އެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިން އެމެރިކާ އިން ވަނީ މެރިޓައިމް ސެކިއުރިޓީ ވަރުގަދަ ކުރުމުގެ ގޮތުން ލަންކާ އަށް 39 މިލިއަން ޑޮލަރު ދޭނެކަން އިއުލާންކޮށްފަ އެވެ. ލަންކާގައި ޗައިނާގެ ނުފޫޒް ގަދަކުރަމުންދާތީ އެމެރިކާ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ޗައިނާ އިން ނެގި ދަރަނި އަދާކުރަން ދަތިވުމުން އެ ގައުމުގެ އުތުރުގެ 1.4 ބިލިއަން ޑޮލަރުގެ ހަމްބަންޓޯޓާ ބަނދަރު 2017 ވަނަ އަހަރު ވަނީ ޗައިނާ އަށް 99 އަހަރަށް ދީފަ އެވެ.