އިންތިޚާބު ވެއްޖެ ނަމަ އިޒްރޭލް ހިމާޔަތްކޮށް ދޭނަން: ހިލަރީ

ވޮޝިންޓަން (ސެޕްޓެމްބަރު 18) - މި އަހަރުގެ ނޮވެމްބަރު މަހު އެމެރިކާގައި އޮންނަ އިންތިޚާބު ކާމިޔާބުކޮށް ވެރިކަމަށް ވަޑައިގެންފި ނަމަ އިޒްރޭލަށް ހިމާޔަތް ދެއްވާނެ ކަމަށް ހިލަރީ ކްލިންޓަން ވިދާޅުވެއްޖެ އެވެ


"ރައީސްކަމުގެ ހުވާ ކުރާތާ މާގިނަ ދުވަހެއް ނުވެ އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އަށް ވައިޓްހައުސް އަށް ދައުވަތު ދޭނަން. އަދި އެމެރިކާ ސިފައިންގެ ވެރިންނާއި ޖާސޫސީ ތަޖްރިބާކާރުން އިޒްރޭލަށް ފޮނުވާނަން،" އިޒްރޭލުގެ ޓީވީ ޗެނަލަކަށް ދެއްވި އިންޓަވިއުއެއްގައި ހިލަރީ ވިދާޅުވި އެވެ

އިޒްރޭލާއި އެމެރިކާ އާއި ދެމެދު އޮތް އަސްކަރީ އެއްބަސްވުން އަލުން މުތާލިއާ ކުރަމުންދާތާ ދުވަސްތަކެއް ވެއްޖެ އެވެ. ދެހާސް އަށާރަ ވަނަ އަހަރު މުއްދަތު ހަމަވާ އެއްބަސްވުމުގެ ދަށުން އިޒްރޭލަށް އަހަރަކު ތިން ބިލިއަން ޑޮލަރު ދެ އެވެ. ނަމަވެސް ދާދި ފަހުން އެމެރިކާ އިން ވަނީ ކުރިއަށް އޮތް 10 އަހަރު އިޒްރޭލަށް 38 ބިލިއަން ޑޮލަރުގެ އަސްކަރީ އެހީ ދިނުމަށް ނިންމައިފަ އެވެ.

ހިލަރީ ވިދާޅުވީ އެކަމަނާގެ ވާދަވެރި ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ވެރިކަމަށް އިންތިޚާބު ވެއްޖެ ނަމަ އިޒްރޭލަށް ވެސް ނުރައްކާވާނެ ކަމަށެވެ. ސަބަބަކީ އިސްލާމިކް ސްޓޭޓް (އައިއެސް) އަށް ނިއުކްލިއާ ހަމަލާއެއް ދިނުމަށް ޓްރަމް ބޭނުންވާތީ، އެ ގޮތަށް އެކަން ކޮށްފި ނަމަ ގެއްލުންވާނީ އިޒްރޭލު މީހުންނަށް ކަމަށް ވާތީ އެވެ. އައިއެސް ބަލި ކުރުމަށް ޓްރަމްޕުގެ އެއްވެސް ސިޔާސަތެއް ނެތް ކަމަށް އިޝާރާތް ކުރައްވާ ހިލަރީ ވިދާޅުވީ އެކަމަނާ އެންމެ އިސްކަން ދޭ ކަންތަކުގެ ތެރޭގައި އައިއެސްގެ ލީޑަރު އަބޫބަކުރު ބަޣުދާދީ މަރާލުން ހިމެނޭ ކަމަށެވެ.

ހިލަރީ ވިދާޅުވީ ޓްރަމްޕުގެ ޚާރިޖީ ސިޔާސަތެއް ވެސް ނެތް ކަމަށާއި އޭނާގެ ޚާރިޖީ ސިޔާސަތަކީ ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އަށް ތައުރީފް ކުރެއްވުން ކަމަށެވެ. ޓްރަމްޕް ދާދި ފަހުން ވަނީ ޕުޓިން އަކީ އެމެރިކާގެ ރައީސް ބަރަކް އޮބާމާ އަށް ވުރެ ކުޅަދާނަ ބޭފުޅެއް ކަމަށް ވިދާޅުވެފަ އެވެ.