ނަވާޒް ޝަރީފަށް ހުކުމްކުރި ފަނޑިޔާރު ވަކިކޮށްފި

އިސްލާމްއާބާދު (ޖުލައި 13) - ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފުގެ މައްޗަށް، ކޮރަޕްޝަނުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ހަތް އަހަރުގެ ޖަލު ހުކުމެއް އިއްވި ފަނޑިޔާރު މަގާމުން ދުކުރުކޮށްފައިވާ ކަމަށް ލޯ މިނިސްޓްރީން ބުނެފި އެވެ.


އެކައުންޓެބިލިޓީ ކޯޓުގެ ފަނޑިޔާރު އަރްޝަދު މާލިކް މަގާމުން ދުރުކޮށްފައި ވަނީ މިދިޔަ ޑިސެމްބަރު މަހު ނަވާޒް ޝަރީފުގެ މައްޗަށް ހުކުމްކޮށްފައި ވަނީ ނުފޫޒެއްގެ ދަށުގައި ހުންނަވައިގެން ކަމަށް ފަނޑިޔާރު މާލިކް ވިދާޅުވި ކަމަށް ނަވާޒް ޝަރީފުގެ ދަރިކަނބަލުން މަރިޔަމް ނަވާޒް ކުރެއްވި ތުހުމަތުތަކާ ގުޅިގެންނެވެ. އިދިކޮޅު ލީޑަރެއްގެ ގޮތުގައި ހުންނެވި މަރިޔަމް ވަނީ ނަވާޒް ޝަރީފުގެ މައްޗަށް ހުކުމް އިއްވާފައި ވަނީ ބައެއްގެ ފިއްތުންތަކެއްގެ ސަބަބުން ކަމަށް ފަނޑިޔާރު ވިދާޅުވާ ވީޑިއޯ ރެކޯޑިންއެއް ނޫސްވެރިންގެ ބައްދަލުވުމުގައި އާއްމުކޮށްފަ އެވެ.

"ފަނޑިޔާރު ސަސްޕެންޑްކޮށްފައި ވަނީ އެ ވީޑިއޯއާ ގުޅިގެން،" ނޫސްވެރިންނާ އިއްޔެ ވާހަކަ ދައްކަވަމުން ލޯ މިނިސްޓަރު ފާރޫގް ނަސީމް ވިދާޅުވި އެވެ.

އިސްލާމްއާބާދު ހައި ކޯޓުން ބުނެފައި ވަނީ ފަނޑިޔާރުގެ މައްސަލަ ތަހުގީގު ކުރުމާ މެދު ގޮތެއް ނިންމާނީ ލޯ މިނިސްޓްރީން ކަމަށެވެ.

ފަނޑިޔާރު މަގާމުން ދުރުކުރުމާ އެކު އިދިކޮޅު ޕާކިސްތާން މުސްލިމް ލީގު- ނަވާޒް (ޕީއެމްއެލް-އެން) އިން ވަނީ ނަވާޒް ޝަރީފުގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމް ބާތިލްކޮށް މިނިވަން ކުރުމަށް ގޮވާލައިފަ އެވެ.