އިނގިރޭސި ވިލާތުގެ ދެ ވަނަ މަނަވަރެއް ގަލްފަށް ފޮނުވަނީ

ލަންޑަން (ޖުލައި 13) - އިނގިރޭސި ވިލާތުގެ ދެ ވަނަ މަނަވަރެއް ގަލްފަށް ފޮނުވަން ނިންމައިފި އެވެ.


އިނގިރޭސިންގެ އިތުރު މަނަވަރެއް ގަލްފަށް މި ފޮނުވަނީ އީރާނާ އެކު މަސްރަހު ހޫނުވެފައިވާ ދުވަސްވަރެއްގަ އެވެ. އީރާނުގެ ތެޔޮ ހުރި ޓޭންކަރެއް ޖިބްރޯލްޓާގެ ބޭރުން އިނގިރޭސި ސިފައިންގެ އެހީގައި ހިފެހެއްޓުމާ ގުޅިގެން އީރާނުން ވެސް ވަނީ އިނގިރޭސިންގެ ތެޔޮ ޓޭންކަރެއް ހިފަހައްޓަން ޖެހިދާނެކަމުގެ އިންޒާރު ދީފަ އެވެ.

ހޮރްމޫޒް ކަނޑުއޮޅިން ބުދަ ދުވަހު ދަތުރުކުރި އިނގިރޭސި ވިލާތުގެ ތެޔޮ ޓޭންކަރެއް ކަމަށްވާ ހެރިޓޭޖް ހުއްޓުވަން އީރާނުގެ ބޯޓުތަކުން މަސައްކަތްކޮށްފައިވާ ކަމަށް އިނގިރޭސި ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި ޓޭންކަރު ސަލާމަތުން ދަތުރު ކުރެވުނީ އިނގިރޭސި ކަނޑުގެ ސިފައިންގެ މަނަވަރު އެޗްއެމްއެސް މޮންޓްރޯސް އިން އީރާނުގެ ބޯޓުތަކަށް އިންޒާރު ދިނުމުން ކަމަށް ވެސް އިނގިރޭސި ވިލާތުގެ ޑިފެންސް މިނިސްޓްރީން ބުނެފައިވެ އެވެ.

އިނގިރޭސި ވިލާތުން މިހާރު ވަނީ ގަލްފުގައި އީރާން ހިމެނޭ ސަރަހައްދުން ދަތުރު ކުރާ އިނގިރޭސިންގެ ބޯޓުތަކަށް އޮތް ނުރައްކާ ލެވެލް އެންމެ މައްޗަށް ޖައްސައިފަ އެވެ.

އެޗްއެމްއެސް މޮންޓްރޯސްއާ އެކު ގަލްފުގައި އޮޕަރޭޓް ކުރަން ފޮނުވަން ނިންމާފައި ވަނީ އިނގިރޭސި ވިލާތުގެ މަނަވަރު އެޗްއެމްއެސް ޑަންކަން އެވެ.

އީރާނުގެ ތެޔޮ ހުރި ސުޕަ ޓޭންކަރު ގްރޭސް 1 ޖިބްރޯލްޓާ އިން ހިފަހައްޓާފައި ވަނީ އިނގިރޭސި ސިފައިންގެ އެހީގަ އެވެ. ޓޭންކަރު ހިފެހެއްޓީ ޔޫރަޕުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ޚިލާފަށް ސީރިއާ އަށް ތެޔޮ އުފުލާތީ އެވެ. ސީރިއާ އަށް ތެޔޮ އެތެރެ ކުރުން ޔޫރަޕުން ވަނީ 2011 ވަނަ އަހަރުން ފެށިގެން މަނާކޮށްފަ އެވެ. އެކަމަކު ސީރިއާ އަށް ތެޔޮ ގެންދިޔަ އެއްވެސް އުޅަނދެއް މީގެ ކުރިން ކަނޑުމަތިން ހިފަހައްޓައިފައެއް ނުވެ އެވެ.

ޝިޕިން ޑޭޓާ ދައްކާ ގޮތުން ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ 300،000 ޓަނުގެ ގްރޭސް 1 އަކީ ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ އައި-ޝިޕިން މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުން އޮޕަރޭޓް ކުރާ ޓޭންކަރެކެވެ. ދިގު މިނުގައި 330 މީޓަރު (1،000 ފޫޓު) ހުންނަ ޓޭންކަރުން ދެ މިލިއަން ފީފާ ތެޔޮ އުފުލެ އެވެ.