އިޒްރޭލަށް ބޮން އެޅުމުގެ ގާބިލްކަން އީރާނަށް ލިބިގެންވޭ: ހިޒްބުﷲ

ބޭރޫތު (ޖުލައި 13) - އިޒްރޭލަށް ބޮން އެޅުމުގެ ގާބިލްކަންް އީރާނަށް ލިބިގެންވާ ކަމަށް ހިޒްބުﷲ ޖަމާއަތުގެ ލީޑަރު ހަސަން ނަސްރުﷲ ވިދާޅުވެއްޖެ އެވެ.


ހިޒްބުﷲގެ އަލް މަނާރް ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ނަސްރުﷲ ވިދާޅުވީ އެމެރިކާ އާއި އީރާނާ ދެމެދު ހަނގުރާމައެއް ފަށައިފި ނަމަ އިޒްރޭލް މަޑުން ނޯންނާނެ ކަމަށެވެ.

އީރާނާއި އެމެރިކާ އިން ހަނގުރާމައެއްގެ ތުންފަތްމަތީގައިވާ ދަނޑިވަޅެއްގައި ނަސްރުﷲ ވިދާޅުވީ އެކަން ހުއްޓުވުމަކީ ކޮންމެ ބަޔަކު ވެސް ކުރަން ޖެހޭނެ ކަމެއް ކަމަށެވެ. އަދި ސައުދީ އަރަބިއާ އާއި ޔުނައިޓެޑް އަރަބި އެމިރޭޓްސް އިން ވެސް ހަނގުރާމައެއްގެ ތެރެއަށް އީރާން ދާން ބޭނުން ނުވާނެ ކަމަށް ވިދާޅުވި އެވެ.

ނަސްރުﷲ ވިދާޅުވީ އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ގެންދަނީ އޭނާގެ ގައުމުގެ މީހުންނަށް ވެސް އޮޅުވާލަމުން ކަމަށެވެ.

ނަތަންޔާހޫ އަކީ އެމެރިކާ އިން އީރާނަށް ހަމަލާ ދިނުމަށް ތާއިދުކުރާ ފަރާތެވެ. އިޒްރޭލުގެ ހަނގުރާމަ މަތީ ޖެޓްތައް ވަނީ އީރާނަށް ހަމަލާ ދެވޭ ފަދަ ހާލަތެއްގައި ކަމަށް ނަތަންޔާހޫ ދާދި ފަހުން ވަނީ ވިދާޅުވެފަ އެވެ.