ޝަރުތަކާ އެކު އީރާނުގެ ތެޔޮ ޓޭންކަރު ދޫކޮށްލަން އެއްބަސްވެއްޖެ

ލަންޑަން (ޖުލައި 14) - ޖިބްރޯލްޓާގެ ބޭރުން ހިފަހައްޓާފައިވާ އީރާނުގެ ތެޔޮ ހުރި ޓޭންކަރުން ސީރިއާ އަށް ތެޔޮ ނުގެންދާނެކަމުގެ ޔަގީންކަން ދިނުމުން އެ ޓޭންކަރު ދޫކޮށްލާނެ ކަމަށް އިނގިރޭސި ޚާރިޖީ ވަޒީރު ޖެރެމީ ހަންޓް ވިދާޅުވެއްޖެ އެވެ.


އިނގިރޭސި ވިލާތުގެ މެޑިޓެރޭނިއަން ޓެރިޓަރީއެއް ކަމަށްވާ ޖިބްރޯލްޓާގެ ބޭރުން މި މަހު ކުރީކޮޅު ސުޕަ ޓޭންކަރު ގްރޭސް 1 ހިފެހެއްޓީ އިނގިރޭސި ސިފައިންގެ އެހީގަ އެވެ. ޓޭންކަރު ހިފެހެއްޓީ ޔޫރަޕުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ޚިލާފަށް ސީރިއާ އަށް ތެޔޮ އުފުލާތީ އެވެ. ސީރިއާ އަށް ތެޔޮ އެތެރެ ކުރުން ޔޫރަޕުން ވަނީ 2011 ވަނަ އަހަރުން ފެށިގެން މަނާކޮށްފަ އެވެ. އެކަމަކު ސީރިއާ އަށް ތެޔޮ ގެންދިޔަ އެއްވެސް އުޅަނދެއް މީގެ ކުރިން ކަނޑުމަތިން ހިފަހައްޓައިފައެއް ނުވެ އެވެ.

އީރާނުން ދަނީ ޓޭންކަރު ދޫކޮށްލަން ގޮވާލަމުންނެވެ. އަދި އެއީ ސީރިއާ އަށް ގެންދާ ތެޔޮ ނޫން ކަމަށް ވަނީ ބުނެފަ އެވެ.

ހަންޓް އިއްޔެ ކުރެއްވި ސިލްސިލާ ޓްވީޓްތަކެއްގައި ވިދާޅުވީ އީރާނުގެ ޚާރިޖީ ވަޒީރު ޖާވަދް ޒަރީފްއާ އެކު ބިނާކުރަނިވި މަޝްވަރާތަކެއް ފޯނުންކޮށްފައިވާ ކަމަށެވެ.

ސުޕަ ޓޭންކަރު ގްރޭސް 1 އާ އުޅަނދެއް ކައިރި ކުރަނީ. --ފޮޓޯ:އޭއެފްޕީ

"ޚާރިޖީ ވަޒީރު (ޒަރީފް) އަށް އަޅުގަނޑު ދެންނެވިން ކަންބޮޑުވަނީ ތެޔޮ ގެންދާ ގައުމާ މެދު ކަމަށް. ތެޔޮ ބަރުކުރި ގައުމެއް ނޫން ކަމަށް. ޓޭންކަރުގައި ހުރި ތެޔޮ ގެންދަނީ ސީރިއާ އަށް ނޫންކަމުގެ ޔަގީންކަން ދިނުމުން ޓޭންކަރު ދޫކޮށްލެވިދާނެ. އެކަމަކު އެއީ ޖިބްރޯލްޓާ ކޯޓުގެ މަރުހަލާތަކަށް ފަހު،،" ހަންޓް ޓްވީޓް ކުރެއްވި އެވެ.

ޖިބްރޯލްޓާގެ ސުޕްރީމް ކޯޓުން ނެރެފައިވާ އަމަރެއްގެ ދަށުން ޓޭންކަރު މިހާރު ވަނީ 14 ދުވަހަށް ހިފަހައްޓައިފަ އެވެ.

އީރާނުން ބުނެފައި ވަނީ ޓޭންކަރު ހިފަހައްޓަން އެހީވެފައި ވަނީ އެމެރިކާ އިން ކަމަށެވެ. ދެހާސް ފަނަރަ ވަނަ އަހަރުގެ ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވުމަށް ފަހު، އެ ގައުމުން ވަނީ އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފަ އެވެ. އެކަމަކު ޔޫރަޕުގެ ގައުމުތަކުން އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފައި ނުވި ނަމަވެސް، ސީރިއާ އަށް ތެޔޮ އެތެރެ ކުރުން އޮންނަނީ މަނާކޮށްފަ އެވެ.

ޖިބްރޯލްޓާގެ ޕާލަމެންޓުގައި ވާހަކަ ދައްކަވަމުން ޗީފް މިނިސްޓަރު ފަބިއަން ޕިކާޑޯ ވިދާޅުވީ 2.1 މިލިއަން ފީފާ ތެޔޮ ހުރި ކަމަށް ބެލެވޭ ޓޭންކަރު ހިފެހެއްޓީ އެއްވެސް ގައުމަކުން އަންގައިގެން ނޫން ކަމަށެވެ. ޖިބްރޯލްޓާ ފުލުހުން ބުނީ ޓޭންކަރުން ހިފެހެއްޓި ހަތަރު ފަޅުވެރިން ދޫކޮށްލާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކެޕްޓަނާއި ޗީފް އޮފިސަރު ވެސް ހިމެނެ އެވެ. އެކަމަކު އެ މީހުންގެ ތަހުގީގު ކުރިއަށްދާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ޝިޕިން ޑޭޓާ ދައްކާ ގޮތުން ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ 300،000 ޓަނުގެ ގްރޭސް 1 އަކީ ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ އައި-ޝިޕިން މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުން އޮޕަރޭޓް ކުރާ ޓޭންކަރެކެވެ. ދިގު މިނުގައި 330 މީޓަރު (1،000 ފޫޓު) ހުންނަ ޓޭންކަރުން ދެ މިލިއަނަށް ވުރެ ގިނަ ފީފާ ތެޔޮ އުފުލެ އެވެ.