ބަންގްލަދޭޝްގެ ކުރީގެ ރައީސް އިރުޝާދު އަވަހާރަވެއްޖެ

ޑާކާ (ޖުލައި 14) - ޑާކާގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދިޔަ ބަންގްލަދޭޝްގެ ކުރީގެ ރައީސް ހުސައިން މުހައްމަދު އިރުޝާދު، 89، މިއަދު އަވަހާރަވެއްޖެ އެވެ.


ގާތްގަނޑަކަށް 10 ވަރަކަށް އަހަރު ބަންގްލަދޭޝްގައި ވެރިކަން ކުރެއްވި ޖެނެރަލް އިރުޝާދު ވެރިިކަމުން ދުރުކުރީ 1990 ވަނަ އަހަރު ކުރިއަށް ގެންދިޔަ ޑިމޮކްރެސީގެ ހަރަކާތްތަކުގަ އެވެ. އެ ހަރާކާތުގައި އެންމެ އިސްކޮށް ތިއްބެވީ މިހާރުގެ ބޮޑު ވަޒީރު ޝެއިޚް ހަސީނާ އާއި އިދިކޮޅު ލީޑަރު ޚާލިދާ ޒިޔާ އެވެ. އޭގެ ފަހުން އިރުޝާދުގެ މައްޗަށް ވަނީ ކޮރަޕްޝަނުގެ ކުށް ސާބިތުކޮށް ޖަލަށްލައިފަ އެވެ.

ޅެންވެރިއެއްގެ ގޮތުގައި ވެސް ބަންގްލަދޭޝްގައި މަޝްހޫރު އިރުޝާދު ވަނީ ލޭއޮހޮރުވުމެއް ނެތް އިންގިލާބެއްގައި ބަންގްލަދޭޝްގެ ސަރުކާރު 1982 ވަނަ އަހަރު ވައްޓާލައިފަ އެވެ. އޭރު އޭނާ އަކީ ސިަފއިންގެ ވެރިޔާ އެވެ.

ޖަލުގައި އޮންނަވައި 1996 ވަނަ އަހަރު ރިޕޯޓަރަކަށް ދެއްވި އިންޓަވިއުއެއްގައި އިރުޝާދު ވިދާޅުވީ އޭނާގެ އެންމެ ބޮޑު ނާކާމިޔާބީ އަކީ "ޅެންވެރިއެއްގެ ހިތަކައިގެން މާލުއިކޮށް" ގައުމު ހިންގުން ކަމަށެވެ.

އިރުޝާދު ވެރިކަމުން ދުރުކުރުމަށް ފަހު ޝެއިޚް ހަސީނާ އާއި ޚާލިދާ ޒިޔާއާ ދެމެދު ވަރަށް ބޮޑު ރުޅިވެރިކަމެއް އުފެދިގެން ދިޔަ އެވެ. އިރުޝާދު ގުޅިވަޑައިގަތީ ޝެއިޚް ހަސީނާއާ އެވެ.