ހަމަލާއެއް ދީފި ނަމަ ހިޒްބުﷲ ނެތިކޮށްލާނަން: ނަތަންޔާހޫ

ތެލް އަވީވް (ޖުލައި 15) - ހަމަލާއެއް ދީފި ނަމަ ލުބުނާނުގެ ހިޒްބުﷲ ޖަމާއަތް "ފުނޑިގެންދާވަރުގެ" ވަރުގަދަ ރައްދެއް ދޭނެކަމުގެ އިންޒާރު އިޒްރޭޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ދެއްވައިފި އެވެ.


އޭނާ މި އިންޒާރު ދެއްވާފައި ވަނީ ހިޒްބުﷲގެ ރޮކެޓްތައް އިޒްރޭލްގެ ވެރިރަށާ ހަމައަށް ފޯރާނެ ކަމަށް އެ ޖަމާއަތުގެ ލީޑަރު ހަސަން ނަސްރުﷲ ވިދާޅުވުމާ ގުޅިގެންނެވެ.

"މި ހަފުތާ ބަންދުގައި އަޑުއިވިގެން ދިޔަ ހިޒްބުﷲގެ ހަމަލާގެ ޕްލޭނާ ގުޅިގެން އެ މީހުންގެ ލީޑަރު (ހަސަން) ނަސްރުﷲ އަމިއްލަ އަށް ތައުރީފުގެ ބަސްތައް ބުނި އަޑު،" ކެބިނެޓުގެ ބައްދަލުވުން ފެށުމުގެ ކުރިން ނަތަންޔާހޫ ވިދާޅުވި އެވެ. "އެކަމަކު އެއްކަމެއް ސާފުކޮށްލަ ދޭނަން. ހިޒްބުﷲ އަށް އިޒްރޭލަށް ހަމަލާ ދިނުމުގެ ބޮޑު ގޯސް ހަދައިފި ނަމަ ހިޒްބުﷲ އާއި ލުބުނާން ވެސް ފުނޑިގެންދާ ވަރު ކޮށްލާނަން."

ހިޒްބުﷲގެ މަންނާރު ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ނަސްރުﷲ ވިދާޅުވީ އިޒްރޭލްގެ ވެރިރަށް ތެލް އަވީވް ވަނީ އެ ޖަމާއަތުގެ ރޮކެޓްތަކުގެ ރާސްތާގެ ތެރޭގައި ކަމަށެވެ. އަދި ވިދާޅުވީ އީރާނަކީ ވެސް އިޒްރޭލަށް ބޮން އެޅުމުގެ ގާބިލްކަން ލިބިގެންވާ ގައުމެއް ކަމަށެވެ.

ނަސްރުﷲ މި އިންޓަވިއު ދެއްވާފައި ވަނީ 2006 ވަނަ އަހަރު އިޒްރޭލާ އެކު ފެށި ހަނގުރާމަ އަށް 13 އަހަރު ފުރުމާ ދިމާކޮށެވެ. އެ ހަނގުރާމައިގައި ލުބުނާނުން 1،200 މީހުންނާއި އިޒްރޭލުން 160 މީހުން މަރުވި އެވެ.

ނަތަންޔާހޫ މިދިޔަ ހަފުތާގައި ވަނީ އީރާނުން އިޒްރޭލް ނައްތާލަން ބިރު ދައްކަމުންދާ ކަމަށް ވިދާޅުވެފަ އެވެ. އިޒްރޭލުގެ އަސްކަރީ މަރުކަޒަކަށް ޒިޔާރަތް ކުރައްވައި ނަތަންޔާހޫ ވިދާޅުވީ އެ ގައުމުގެ ހަނގުރާމަ މަތީ ޖެޓްތައް މެދު އިރުމަތީގެ ކޮންމެ ގައުމަކާ ހަމައަށް، ޚާއްސަކޮށް އީރާނާ ހަމައަށް، ފޯރާނެ ކަމަށެވެ.