ރަސްގެފާނުގެ ހައްޖު ދަތުރު މިފަހަރު ނިއު ޒީލެންޑުގެ އާއިލާތަކަށް

ރިޔާޒް (ޖުލައި 19) - ސައުދީ ރަސްގެފާން ސަލްމާން ބިން އަބްދުލް އަޒީޒުގެ ޚަރަދުގައި ހައްޖުވުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މުސްލިމުންނަށް ދޭ ފުރުސަތުތަކުގެ ތެރެއިން، މާޗު މަހު ނިއު ޒީލެންޑުގެ ކްރައިސްޗާޗުގެ ދެ މިސްކިތެއްގައި ބަޑި ޖަހައި މަރާލި 50 މީހުންގެ އާއިލާތަކުގެ 200 މީހުން ހައްޖަށް ގެންދަން ހަމަޖައްސައިފި އެވެ.


ސައުދީ އިސްލާމިކް އެފެއާޒް މިނިސްޓަރު ޝެއިޚް އަބްދުލް އާތިފް އަލް ޝެއިޚް ވިދާޅުވީ ޓެރަރިސްޓް ހަމަލާގެ ޝިކާރައަކަށްވި އާއިލާތަކުގެ މީހުންނަށް ހައްޖު ދަތުރު ހަމަޖައްސައިދިނުމަކީ ޓެރަރިޒަމާ ދެކޮޅަށް ސައުދީން ކުރާ މަސައްކަތުގެ ރަމްޒެއް ކަމަށެވެ.

ސައުދީ އަށް ކަނޑައަޅާފައި ހުންނަ ނިއު ޒީލެންޑް ސަފީރު ޖޭމްސް މުންރޯ ވިދާޅުވީ ބޮމުގެ ހަމަލާ އަށް ފަހު ސައުދީ ސަރުކާރާއި ރަސްގެފާނުގެ ފަރާތުން ލިބޭ އެހީތެރިކަން ބޮޑު ކަމަށެވެ.

ބޮމުގެ ހަމަލާގައި މަރުވި މީހުންގެ އާއިލާތަކަށް ވަނީ ސައުދީ ބިލިއަނަރު ވަލީދު ބިން ތަލާލް އެއް މިލިއަން ޑޮލަރު ދެއްވައިފަ އެވެ.

މާޗް 15 ވަނަ ދުވަހު ކްރައިސްޗާޗުގެ އަލް ނޫރް އަދި ލިންވުޑް މިސްކިތުގައި ހުކުރަށް ގޮސް ތިބި މީހުންގެ ގަޔަށް ބަޑިޖެހީ އޮސްޓްރޭލިއާ އަށް އުފަން ހައްދު ފަހަނަޅާފައިވާ ޓެރަރިސްޓެކެވެ. އޭނާގެ ޝަރީއަތް މިހާރު ދަނީ ކުރިއަށެވެ.

ސައުދީ ރަސްގެފާނުގެ ޚަރަދުގައި 2016 ވަނަ އަހަރު ވަނީ 60 ގައުމެއްގެ 1،600 މީހުން ހައްޖަށް ގެންގޮސްފަ އެވެ. އަދި 2017 ވަނަ އަހަރު ވަނީ މިސްރު ސިފައިންގެ ތެރޭން މަރުވި މީހުންގެ އާއިލާތަކުގެ 1،000 މީހުންނާއި ފަލަސްތީނު މީހުންގެ ތެރޭން ޝަހީދުވި މީހުންގެ އާއިލާތަކުގެ 1،000 މީހުންނަށް ހައްޖު ދަތުރު ދީފަ އެވެ.

ރަސްގެފާނުގެ ޚަރަދުގައި ހައްޖަށް ދާ މީހުންގެ ކަންކަން ބަލަހައްޓަނީ ސައުދީގެ އިސްލާމިކް އެފެއާޒް މިނިސްޓްރީންނެވެ. މި ޕްރޮގްރާމުގެ ދަށުން ހައްޖަށްދާ މީހުންގެ ހައްޖު ވިސާ އާއި މަތިންދާ ބޯޓު ޓިކެޓާއި ސައުދީގައި ހުރުމާއި ކެއުން އަދި ދަތުރުފަތުރުގެ ހުރިހާ ޚަރަދެއް ސައުދީން ދެ އެވެ. އަދި ކޮންމެ މީހަކަށް އިހުރާމް ހެދުމާއި ކުޑަ އަކާއި ޚަތިމެއް، ޒަމްޒަމް ފެންފުޅި އަކާއި ކަދުރާއި މޯބައިލް ފޯނަކާއި ސިމްކާޑެއް ދެ އެވެ.