އިނގިރޭސި ވިލާތުގެ ތެޔޮ ޓޭންކަރެއް އީރާނުން ހިފަހައްޓައިފި

ތެހެރާން (ޖުލައި 20) - އިނގިރޭސި ވިލާތުގެ ތެޔޮ ޓޭންކަރެއް ހޮރްމޫޒް ކަނޑުއޮޅިން އީރާނުން އިއްޔެ ހިފަހައްޓައިފި އެވެ.


އީރާނުން ހިފަހައްޓާފައި ވަނީ އިނގިރޭސި ވިލާތުގެ ދިދަ ހުރި ސްޓެނާ އިމްޕީރޯ ޓޭންކަރެވެ. މީގެ އިތުރުން ލައިބީރިއާގެ ދިދަ ހުރި އެކަމަކު އިނގިރޭސި ވިލާތުގެ ޓޭންކަރެއް ކަމަށްވާ މެސްޑާރު ހިފެހެއްޓި ނަމަވެސް އެ ޓޭންކަރުގެ އޮޕަރޭޓަރު ބުނެފައި ވަނީ ހަތިޔާރު ހިފައިގެން ތިބި ގާޑުން ބޯޓަށް އެރުމުން މެސްޑާރު ރޭ ދޫކޮށްލާފައިވާ ކަމަށެވެ. ސްޓެނާ އޮޕަރޭޓް ކުރާ ފަރާތުން ކުރިން ބުނެފައި ވަނީ އެ ބޯޓާ ނުގުޅޭ ކަމަށެވެ. އެކަމަކު އެ ބޯޓު އޮޕަރޭޓަރު ގްލާސްގޯގެ ނޯބަލްކް ޝިޕިން ޔޫކޭ އިން ފަހުން ބުނެފައި ވަނީ ހުރިހާ ފަޅުވެރިން ވެސް ތިބީ ސަލާމަތުން ކަމަށެވެ.

އީރާނުން ހިފަހައްޓާފައިވާ އިނގިރޭސި ވިލާތުގެ ތެޔޮ ޓޭންކަރު ސްޓެލާ. --ފޮޓޯ:ބީބީސީ

ސްޓެނާގައި 23 ފަޅުވެރިން ތިބި ކަމަށްވެ އެވެ. އެ ބޯޓު އީރާނުން ހިފެހެއްޓި ކަމަށް ބުނެފައި ވަނީ ހެލިކޮޕްޓަރަކާއި ކުދި ކަނޑު އުޅަނދުތަކެއް ބޭނުންކޮށްގެންނެވެ.

އިނގިރޭސި ޚާރިޖީ ވަޒީރު ޖެރެމީ ހަންޓް ވިދާޅުވީ ކުއްލި ބައްދަލުވުންތަކެއް ބާއްވާފައިވާ ކަމަށާއި ތެޔޮ ޓޭންކަރު މިނިވަން ކުރަން އެޅޭނީ ކޮން ފިޔަވަޅެއްތޯ ބަލަމުންދާ ކަމަށެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ބުނެފައި ވަނީ އިނގިރޭސި ޓޭންކަރު ހިފެހެއްޓީ ކަނޑުދަތުރު ކުރުމާ ބެހޭ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފުވުމުން ކަމަށެވެ. ދިގު މިނުގައި 183 މީޓަރު ހުންނަ ސްޓެނާ ބަނދެފައި ވަނީ މިދިޔަ އަހަރު އެވެ. އެ ޓޭންކަރުން 29،579 ޓަނުގެ ތެޔޮ އުފުލެ އެވެ.

އީރާނުން ހިފަހައްޓާފައިވާ އިނގިރޭސި ވިލާތުގެ ތެޔޮ ޓޭންކަރު ސްޓެލާ. --ފޮޓޯ:ރޮއިޓާސް

އިނގިރޭސިވިލާތުގެ ދެ ތެޔޮ ޓޭންކަރު އީރާނުން ހިފަހައްޓާފައި މި ވަނީ އެ ގައުމުގެ ތެޔޮ ހުރި ޓޭންކަރެއް ޖިބްރޯލްޓާގެ ބޭރުން އިނގިރޭސި ސިފައިން މި މަހު 4 ވަނަ ދުވަހު ހިފަހައްޓާފައި ވަނިކޮށެވެ. އިނގިރޭސި ވިލާތުން ބުނެފައި ވަނީ ދެ މިލިއަން ފީފާ ތެޔޮ އުފުލޭ ގްރޭސް 1 ހިފެހެއްޓީ ސީރިއަށް ތެޔޮ ގެންދާތީ ކަމަށެވެ. އީރާނުން ވަނީ އެ ޓޭންކަރު ދޫކޮށްނުލާ ނަމަ އިނގިރޭސި ވިލާތުގެ ބޯޓުތައް ހިފައްޓާނެކަމުގެ އިންޒާރު ކުރިން ދީފަ އެވެ.