1،200 އަހަރުވީ މިސްކިތެއްގެ ބައިތައް އިޒްރޭލުގެ ބިން ކޮނެގެން ހޯދައިފި

ތެލް އަވީވް (ޖުލައި 20) - ދުނިޔޭގެ އެންމެ ގަދީމީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ މިސްކިތެއްގެ ފާރުތަކުގެ ބައެއް އިޒްރޭލުގެ ހަނަފަސް ސަހަރާއެއްގެ ބިން ކޮނުމުގެ ތެރޭގައި އާކިއޮލޮޖިސްޓުން ހޯދައިފި އެވެ.


އިޒްރޭލުގެ ނެގެވް ސަހަރާ ކޮންނަނިކޮށް ރަހާތުގެ ބިދޫން ޓައުނުން ފެނުނު މިސްކިތަށް 1،200 އަހަރުވެފައިވާ ކަމަށް އާކިއޮލޮޖިސްޓުން ބުނެ އެވެ. މިސްކިތުން ވަނީ ހަތް ވަނަ އަދި އަށް ވަނަ ގަރުނުގެ ބައިތައް ފެނިފަ އެވެ.

މިސްކިތް ފެނިފައި ވަނީ އިމާރާތެއް ހަދަން ކޮނުމުގެ ތެރޭގައި. --ފޮޓޯ:އިޒްރޭލް އެންޓިކުއިޓީސް އޮތޯރިޓީ

އިޒްރޭލުގެ އެންޓިކުއިޓީސް އޮތޯރިޓީ (އައިއޭއޭ) އިން ބުނީ މިސްކިތުގެ ފާރުތައް ފެނުނީ އެ ސަރަހައްދުގައި އިމާރާތް ކުރުމުގެ މަސައްކަތެއް ކުރަނިކޮށް ކަމަށެވެ. އަދި މިއީ އެ ސަރަހައްދުން ފެނުނު އެ ދުވަސްވަރުގެ ފުރަތަމަ މިސްކިތް ކަމަށް ވެސް އައިއޭއޭ އިން ބުނެ އެވެ. ރިސާޗަރުން ގަބޫލް ކުރަނީ އެއީ އެ ސަރަހައްދުގައި އުޅުނު ދަނޑުވެރިން ނަމާދު ކުރަން ބޭނުންކުރި މިސްކިތެއް ކަމަށެވެ.

މިސްކިތާ ބެހޭ މައުލޫމާތު އިޒްރޭލުގެ އެންޓިކުއިޓީސް އޮތޯރިޓީގެ އޮފިޝަލަކު ދެނީ. --ފޮޓޯ:ގެޓީ އިމޭޖަސް

ބިންކޮނުމުގެ މަސައްކަތުގައި އިސްކޮށް އުޅުނު ޖޮން ސެލިގްމަން އަދި ޝަހާރް ޒޫރް ބުނީ މިއީ ދުނިޔޭގެ ކޮންމެ ތަނަކަށް ބެލި ނަމަވެސް "ވަރަށް ނުފެންނަ ޒާތުގެ" ތަނެއް ކަމަށެވެ.

މިސްކިތް އިމާރާތްކޮށްފައި ހުރީ މައްކާގެ ކައުބާއާ ދިމާވާ ގޮތަށް މިހުރާބަކާ އެކު އެވެ.

މިސްކިތުގެ ފާރުން ނައްޓާލި ގަލެއް އިޒްރޭލް އެންޓިކުއިޓީސް އޮތޯރިޓީގެ އޮފިޝަލަކު ދައްކާލަނީ. --ފޮޓޯ:ގެޓީ އިމޭޖަސް
މިސްކިތް ފެނިފައި ވަނީ އިޒްރޭލުގެ ނެގޭވް ސަހަރާގެ ރާހަތުގެ ބިދޫން ޓައުން އިން. --ފޮޓޯ:ގެޓީ އިމޭޖަސް