އީރާނުން ހިފެހެއްޓި އިނގިރޭސި ތެޔޮ ޓޭންކަރުގައި އިންޑިއާގެ 18 ފަޅުވެރިން

ނިއު ދިއްލީ (ޖުލައި 21) - ހޮރްމޫޒް ކަނޑުއޮޅިން އީރާނުން ހިފެހެއްޓި އިނގިރޭސި ވިލާތުގެ ތެޔޮ ބޯޓުގައި އިންޑިއާގެ 18 ފަޅުވެރިން ތިބި ކަމަށް ނިއު ދިއްލީން ބުނެފި އެވެ.


އިންޑިއާ އިން ބުނީ އީރާން ސަރުކާރާ ވާހަކަ ދައްކައިގެން އެ 18 މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

އިންޑިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ރަވީޝް ކުމާރު ވިދާޅުވީ 18 މީހުން ސަލާމަތްކޮށް ވީހާވެސް އަވަހަކަށް އިންޑިއާ އަށް ގެނައުމުގެ މަަސައްކަތް ކުރަމުންދާ ކަމަށެވެ.

ބަންދަރު އައްބާސްގެ ބޭރުން ޓޭންކަރު ހިފެހެއްޓީ، އީރާނުން ބުނި ގޮތުގައި، ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފުވުމުން ކަމަށެވެ.

ސްވިޑަންގައި ރަޖިސްޓްރީކޮށްފައިވާ ސްޓެނާ އިމްޕެރޯ ޓޭންކަރުގައި ހުރި ފިލިޕީންސްގެ ފަޅުވެރިއަކު ސަލާމަތް ކުރުމަށް ވެސް މެނީލާ އިން ދަނީ މަސައްކަތް ކުރަމުންނެވެ. ޓޭންކަރުގައި ދެން ތިބީ ރަޝިޔާގެ ތިން މީހުންނާއި ލެޓްވިއާ މީހެކެވެ.

އީރާނުން ބުނެފައި ވަނީ ޓޭންކަރުގައި ތިބި 23 ފަޅުވެރިންނާ އެކު މިހާރު ވަނީ ބަނދަރު އައްބާސްގައި އެންކަރުކޮށްފައި ކަމަށެވެ.

އިނގިރޭސި ވިލާތުން ބުނެފައި ވަނީ އެ ގައުމުގެ ދެ ވަނަ މަނަވަރެއް ވެސް އީރާނުން ހިފެހެއްޓި ކަމަށެވެ. ނަމަވެސް މެސްދާރު ޓޭންކަރު ވަނީ ދޫކޮށްލައިފަ އެވެ.