ސިއްހީ މާބޮޑު މައްސަލައެއް ނެތް: ހިލަރީ

ނިއު ޔޯކް (ސެޕްޓެމްބަރު 13) - ނިއުމޯނިއާގެ އާލާސްކަންފުޅާ އުޅުއްވަން ޖެހުނު ނަމަވެސް އެއީ މާބޮޑު ސިއްހީ މައްސަލައެއް ނޫން ކަމަށާއި ބަލި މިހާރު ވަރަށް ބޮޑަށް ރަނގަޅު ކަމަށް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި މި އަހަރު ވާދަކުރައްވާ ހިލަރީ ކްލިންޓަން ވިދާޅުވެއްޖެ އެވެ.


ސީއެންއެން އަށް ދެއްވި އިންޓަވިއުއެއްގައި ހިލަރީ ވިދާޅުވީ ސެޕްޓެމްބަރު 11 އަށް 15 އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި ހަފުލާގައި އެކަމަނާ ވަރަށް ބޮޑަށް ބޯ އަނބުރާ ހަށިގަނޑުގެ ބެލެންސް ގެއްލުނު ކަމަށެވެ. ނަމަވެސް ހޭފުޅު ހުރި ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑަށް އަންގާފައި އޮތީ ފަސް ދުވަހު އަރާމު ކުރަން. އަޅުގަނޑު ބޭނުން ވަނީ ވަރަށް އަވަހަށް ކެމްޕޭން މަސައްކަތަށް ނުކުންނަން،" ސީއެންއެންގެ އެންޑަސަން ކޫޕާ އަށް ފޯނުން ވާހަކަ ދައްކަވަމުން ހިލަރީ ވިދާޅުވި އެވެ.

އާދިއްތަ ދުވަހުގެ ހާދިސާ ދިމާވުމުގެ ކުރިން ހިލަރީ އަށް ނިއުމޯނިއާ ޖެހިފައިވާކަން ހުކުރު ދުވަހު އެނގިފައިވާ ކަމަށް އެކަމަނާގެ ކެމްޕޭން ޓީމުން ވަނީ ބުނެފަ އެވެ. ހިލަރީގެ ސިއްހީ ހާލަތާ ގުޅޭ ގޮތުން އިދިކޮޅު ރިޕަބްލިކަން ޕާޓީން ގެންދަނީ ބަހުގެ ހަމަލާތައް ދެމުންނެވެ. މި ވާހަކަތަކަށް ރައްދު ދެއްވާ ސީއެންއެން އަށް ހިލަރީ ވިދާޅުވީ އެކަމަނާގެ ސިއްހީ ހާލަތާ ގުޅޭ ހުރިހާ މައުލޫމާތެއް އާއްމުކޮށްފައިވާނެ ކަމަށެވެ. އަދި މިއީ އިދިކޮޅު ކެންޑިޑޭޓުގެ ހުރިހާ ސިއްހީ މައުލޫމާތެއް އާއްމު ކުރަން ޖެހޭ ވަގުތު ކަމަށް ވިދާޅުވި އެވެ.

ހިލަރީގެ ވާދަވެރިޔާ ޑޮނަލްޑް ޓްރަމްޕުގެ ސިއްހީ ރެކޯޑްތައް އާއްމުކޮށްފައި ނުވި ނަމަވެސް ދާދި ފަހުން ޓްރަމްޕު ވަނީ އަމިއްލަ ސިއްހަތާ ބެހޭ ރިޕޯޓް ވަރަށް އަވަހަށް އާއްމު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ގަނޑުލޭ ކޮޅެއް ނެގުމަށް ހިލަރީ ވަނީ 2012 ވަނަ އަހަރު އޮޕަރޭޝަނެއް ކުރައްވައިފަ އެވެ. ހިލަރީ އާއި ޓްރަމްޕުގެ ފުރަތަމަ ބަހުސް އޮންނާނީ މި މަހު 26 ގަ އެވެ. އިންތިޚާބުގައި ވޯޓުލުން އޮންނާނީ ނޮވެމްބަރު 8 ވަނަ ދުވަހު އެވެ.

ޑޮކްޓަރ މުޙައްމަދު ޖަމީލް އަޙްމަދު

3

ވިލިމާލެ ދާއިރާ