އެކްސިޑެންޓެއްގައި ދުނިޔޭގެ އެންމެ ބޮޑު ކްރޫޒް ލައިނާގެ ފަޅުވެރިއަކު މަރުވެެއްޖެ

މާސޭ (ސެޕްޓެމްބަރު 13) - ދުނިޔޭގެ އެންމެ ބޮޑު ކްރޫޒް ލައިނާ، ހާމަނީ އޮފް ދަ ސީސްގައި ބޭއްވި ތަމްރީނުތަކެއްގައި ލައިފްބޯޓަކާ އެކު ވެއްޓި ފަޅުވެރިއަކު މަރުވެއްޖެ އެވެ.


އުމުރުން 42 އަހަރުގެ ފިލިޕީންސް މީހާ މަރުވީ ސޭފްޓީ އެކްސަސައިޒެއްގައި ފަސް ވަނަ ޑެކުން ލައިފްބޯޓު ވެއްޓުމުންނެވެ. ދިހަ މީޓަރު (33 ފޫޓު) މަތިން އައިސް ލައިފްބޯޓު މޫދުގައި ޖެހި ހިނގި އެކްސިޑެންޓުގައި އިތުރު ދެ ފަޅުވެރިއަކަށް ވެސް ވަނީ ފުރާނަ އަށް ނުރައްކާވާ ވަރުގެ އަނިޔާތަކެއް ލިބިފަ އެވެ. އެ ދެ މީހުންނަށް ވެސް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. މި އެކްސިޑެންޓް ހިނގާފައި ވަނީ ފްރާންސްގެ މާސޭގެ ބަނދަރެއްގަ އެވެ.

ހާމަނީ އޮފް ދަ ސީސް އޮޕަރޭޓްކުރާ ރޯޔަލް ކެރީބިއަން ކްރޫޒް ކޮމްޕެނީން ވެސް ވަނީ ފަޅުވެރިއަކު މަރުވިކަން ޓްވިޓާ މެދުވެރިކޮށް ޔަގީންކޮށްދީފަ އެވެ.

ދުނިޔޭގެ އެންމެ ބޮޑު ކްރޫޒް ލައިނާ ހާމަނީ އޮފް ދަ ސީސްގެ ދިގު މިނުގައި 362 މީޓަރު (1،195 ފޫޓު) ހުރެ އެވެ. މިއީ ގާތްގަނޑަކަށް ހަތަރު ފުޓުބޯޅަ ދަނޑުގެ ދިގު މިނެވެ. މި ބޯޓުގައި 8،000 ޕަސިންޖަރުންގެ ޖާގަ އޮވެ އެވެ. ބޯޓުގެ އުސް މިނުގައި 70 މީޓަރު (231 ފޫޓު) ހުރެ އެވެ. މި ބޯޓު 25 ބުރީގެ އިމާރާތަކަށް ވުރެ އުސް އަދި ޕެރިހުގެ އައިފީލް ޓަވަރަށް ވުރެ އުހެވެ. މި ބޯޓު ދަތުރަށް ނެރުނީ މި އަހަރުގެ މެއި މަހު އެވެ.

ބޯޓުގެ ފެސިލިޓީޒް އަށް ބަލާއިރު 20 ރެސްޓޯރެންޓާއި 23 ސްވިމިން ޕޫލާއި ތިއޭޓަރަކާއި ކެސިނޯއެއް ހުރެ އެވެ.