1.8 މިލިއަން ހައްޖުވެރިން 5،000 ކެމެރާ އިން މޮނިޓާކުރި

މައްކާ (ސެޕްޓެމްބަރު 14) - މި އަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވި ގާތްގަނޑަކަށް 1.8 މިލިއަން މީހުންގެ ހަރަކާތްތައް 5،000 ކެމެރާ މެދުވެރިކޮށް މޮނިޓާ ކުރަމުން ދިޔަ ކަމށް ސައުދީގެ އޮފިޝަލުން ބުނެފި އެވެ.


މިދިޔަ އަހަރުގެ ހައްޖުގެ އަޅުކަމުގައި މިނާގައި ފިތިގެން 2،300 މީހުން މަރުވި ހާދިސާއާ ގުޅިގެން ހައްޖުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް ސައުދީ ވަނީ ގިނަ ފިޔަވަޅުތަކެއް އަޅައިފަ އެވެ. ހައްޖުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާ ހަވާލުވެ ހުންނެވި ކާނަލް ސާދު އަލް ދޫސާރީ ވިދާޅުވީ މައްކާއާ ކައިރީގައިވާ މިނާގައި ގާއިމްކޮށްފައިވާ ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރުގައިވާ "ލޯ" ތައް އަބަދުވެސް ތިބޭނީ ހުޅިވިފައި ކަމަށެވެ. އެހެން އޮފިޝަލެއް ކަމަށްވާ ކެޕްޓަން ތާރިގު އަލް އަޒާމް ވިދާޅުވީ ހައްޖުވެރިންގެ ކަންކަން ބެލުމަށް 24 ގަޑިއިރު ހަރަކާތްތެރިވި ވަރުގަދަ ޓީމެއް އަބަދުވެސް ތައްޔާރަށް އޮތް ކަމަށެވެ.

މިނާގައި ގާއިމްކޮށްފައިވާ ކޮމާންޑް ސެންޓަރުން ހައްޖުވެރިންގެ ހަރަކާތްތައް ސައުދީގެ ސަލާމަތީ އޮފިޝަލަކު ބަލަނީ. --ފޮޓޯ:އޭއެފްޕީ

މައްކާ ސަރަހައްދުގެ 10 ކިލޯ މީޓަރުގެ ރޭޑިއަސްއެއް ކަަވަރު ކުރެވޭ ގޮތަށް ހަރުކޮށްފައިވާ 5،000 ކެމެރާ މެދުވެރިކޮށް ހައްޖުވެރިންނަށް އެއްވެސް ނުރައްކަލެއް ކުރިމަތިވަތިވޭތޯ ދިޔައީ ބަލަމުންނެވެ. އެއް ސަރަހައްދެއްގައި މީހުން ގިނަ ވެއްޖެ ނަމަ ވަގުތުން ފިޔަވަޅު އަޅަ އެވެ.

މިނާގައި ގާއިމްކޮށްފައިވާ ކޮމާންޑް ސެންޓަރުން ހައްޖުވެރިންގެ ހަރަކާތްތައް ސައުދީގެ ސަލާމަތީ އޮފިޝަލަކު ބަލަނީ. --ފޮޓޯ:އޭއެފްޕީ

ސެކިއުރިޓީ ޓީމުގެ މަސައްކަތަކީ 5،000 ކެމެރާ އިން ފެންނަ މަންޒަރުތައް ސްކްރީން ބަލާ ސާވޭ ކުރަމުން ދިއުމެވެ. އެއްވެސް ތިމާލެއްގައި ތޮއްޖެހިއްޖެ ނަމަ ސެކިއުރިޓީ ޓީމުން އޮޕަރޭޝަން ސެންޓަރަށް އަންގަ އެވެ. މި ތަނުގައި މައިކްރޯފޯނު އަޅައިގެން ތިބޭ ސިފައިން އެކި ދިމަ ދިމާލުގައި ހަރަކާތްތެރިވާ ސަލާމަތީ ސިފައިންނަށް އެ މައުލޫމާތު ދީ މައްސަލަ ޖެހުނު ސަރަހައްދެއް ކޮންޓްރޯލް ކުރެ އެވެ.

ހައްޖުގެ ސަލާމަތީ އިންތިޒާމްތައް ރަސްގެފާން ސަލްމާން މިނާ އަށް ވަޑައިގެން ބައްލަވަނީ. --ފޮޓޯ:އޭއެފްޕީ

ހައްޖުގެ ސަލާމަތީ ކަންކަން ވަނީ ރަސްގެފާން ސަލްމާން ވެސް މިނާ އަށް ވަޑައިގެން އަމިއްލަފުޅަށް ބައްލަވައިފަ އެވެ.

ސައުދީ އަރަބިއާގެ ވަލީ އަހުދު އަދި ބޮޑު ވަޒީރުގެ ނައިބް މުހައްމަދު ބިން ނާއިފް ވެސް ވަނީ މިނާ އަށް ވަޑައިގެން ހައްޖުގެ ސަލާމަތީ ކަންކަން ބައްލަވާ އޮފިޝަލުންނަށް ތައުރީފް ކުރައްވައިފަ އެވެ. ސައުދީގެ ސްޕްރީމް ހައްޖު ކޮމިޓީގެ ވެރިޔާ އަދި ދާޚިލީ ވަޒީރުކަން ވެސް ކުރައްވާ މުހައްމަދު ވަނީ ސަލާމަތީ އޮފިޝަލުންގެ މަސައްކަތް ފުރިހަމަ ކަމަށް ވިދާޅުވީ ހައްޖުވެރިންގެ ސަލާމަތަށް ސައުދީން އަބަދު ވެސް އިސްކަން ދޭނެ ކަމަށް ވިދާޅުވެފަ އެވެ.

ހައްޖުވެރިންގެ ސަލާމަތަށް ގާއިމްކޮށްފައިވާ އިންތިޒާމްތައް ވަލީ އަހުދު މުހައްމަދު މިނާ އަށް ވަޑައިގެން ބައްލަވަނީ. --ފޮޓޯ: ސައުދީ ގެޒެޓް