އީރާނުގެ ޚާރިޖީ ވަޒީރު ދެކެ އެމެރިކާ ވަރަށް ބިރު ގަނޭ: ރޫހާނީ

ތެހެރާން (އޮގަސްޓް 2) - އީރާނުގެ ޚާރިޖީ ވަޒީރު ޖަވާދު ޒަރީފްއާ ދެކޮޅަށް އެމެރިކާ އިން ފިޔަވަޅު އެޅުމުން ދައްކުވައިދެނީ އޭނާ ދެކެ އެމެރިކާ ބިރުގަންނަ މިންވަރު ކަމަށް އެ ގައުމުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެ އެވެ.


އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމަންޓުން އެޅި ފިޔަވަޅުތަކުގެ ދަށުން އެމެރިކާގައި ޒަރީފްގެ މުދަލެއް ހުރި ނަމަ ހިފހައްޓާނެ އެވެ. ނަމަވެސް އެމެރިކާގެ ފިޔަވަޅަށް ޖޯކް ޖައްސަވައި ޒަރީފް ވިދާޅުވީ އެ ފިޔަވަޅުން އޭނާ އަށް ނުވަތަ އާއިލާ އަށް ކުރާނެ އެއްވެސް އަސަރެއް ނޯންނާނެ ކަމަށާއި ސަބަބަކީ އޭނާގެ އެއްވެސް މުދަލެއް އީރާނުން ބޭރުގައި ނުހުނާނެތީ ކަމަށެވެ.

އީރާނުގެ ޚާރިޖީ ވަޒީރުގެ އިންޓަވިއުތައް ދެކެ އެމެރިކާ ވަރަށް ބިރު ގަނޭ،" ނިއު ޔޯކުގައި ބޭރުގެ މީޑިއާތަކަށް ޒަރީފް ދާދި ފަހުން ދެއްވި އިންޓަވިއު އަށް އިޝާރާތް ކުރައްވައި ރޫހާނީ ވިދާޅުވި އެވެ. "ޒަރީފްގެ ބަސްތަކުން ވައިޓް ހައުސް ތެޅިގެންފިކަން އެނގިއްޖެ."

އީރާނުގެ ޚާރިޖީ ވަޒީރު ޖަވާދު ޒަރީފް. --ފޮޓޯ:އޭއެފްޕީ

ރޫހާނީ ވިދާޅުވީ އެމެރިކާ އިން ކުރަނީ ކުޑަކުދިން ކުރާ ޒާތުގެ ކަންތައް ކަމަށެވެ. އަދި އީރާނުގެ ދުޝްމަނުންނަކީ ވިސްނުންތެެރިކަމާ އެކު ފިޔަވަޅު އެޅުމުގެ ގާބިލްކަން ނެތް ބައެއް ކަމަށް ވިދާޅުވި އެވެ.

ޓްރެޝަރީ ސެކްރެޓަރީ ސްޓީވަން މަނޫޗިން ވިދާޅުވެފައި ވަނީ ޒަރީފަކީ އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ އެޖެންޑާ ތަންފީޒް ކުރައްވާ ފަރާތް ކަމަށެވެ. އަދި ޒަރީފަކީ މުޅި ދުނިޔޭގައި އީރާނުގެ ބަސް އިއްވާ ތަރުޖަމާން ކަމަށް އޭނާ ވިދާޅުވި އެވެ.

ޒަރީފް ވެސް ވިދާޅުވެފައި ވަނީ އެމެރިކާ އިން އޭނާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅީ އޭނާ ދެކެ ޖެހިލުންވާތީ ކަމަށެވެ.

އުމުރުން 17 އަހަރުން ފެށިގެން 1988 ވަނަ އަހަރު އިންޓަނޭޝަނަލް ލޯ އިން ޕީއެޗްޑީ ނަންގަވަންދެން ޒަރީފް އުޅުއްވީ އެމެރިކާގަ އެވެ.