ސައުދީގައި ހުންނަ އިނގިރޭސި ސަފީރު އިސްލާމްވެ ހައްޖުގެ އަޅުކަން އަދާކޮށްފި

މައްކާ (ސެޕްޓެމްބަރު 16) - ސައުދީ އަރަބިއާ އަށް ކަނޑައަޅާފައި ހުންނަ އިނގިރޭސި ސަފީރު އިސްލާމްވެ މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކޮށްފި އެވެ.


އިސްލާމް ދީން ގަބޫލްކޮށް ހައްޖުވި ސިމޮން ކޮލިސް އަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން މުސްލިމުން ދަނީ ތައުރީފް ކުރަމުންނެވެ. އިސްލާމްވެ ހައްޖުގެ އަޅުކަން އަދާކުރި އިނގިރޭސި ވިލާތުގެ އެންމެ ސީނިއާ ޑިޕްލޮމެޓް ކަމަށްވާ ކޮލިސް ވަނީ މައްކާގައި ހުންނަ އިނގިރޭސި ކޮންސިއުލޭޓުގެ ބޭރުގައި އިހުރާމް ހެދުމާ އެކު އޭނާގެ ސީރިއާ އަންހެނުން ހުދާއާ އެކު ނަގާފައިވާ ފޮޓޯއެއް ޓްވީޓްކޮށްފަ އެވެ.

އުމުރުން 60 އަހަރުގެ އަރަބި ބަހަށް ވަރަށް ފަރިތަ ޑިޕްލޮމެޓް ވަނީ އޭނާ އިސްލާމްވިކަން ޔަގީންކޮށްދީފަ އެވެ. އަދި ވޭތުވެދިޔަ 30 އަހަރު އޭނާ އުޅެފައި ވަނީ އިސްލާމީ މުޖްތަމައުތަކުގައި ކަމަށް ވެސް ބުނެފައިވެ އެވެ.

އިސްލާމްވި އިނގިރޭސި ސަފީރު ބުނަނީ އިސްލާމީ މުޖްތަމައުތަކުގައި އޭނާ އުޅޭތާ 30 އަހަރު ވެއްޖެ ކަމަށް.

ކޮލިސް ވަނީ 2011 ވަނަ އަހަރު ހުދާއާ ކައިވެނި ކުރުމުގެ ކުރިން އިސްލާމްވެފަ އެވެ. ނަމަވެސް އޭނާ އިސްލާމްވި ކަމެއް އޭނާއާ އެކު މަސައްކަތް ކުރާ ޑިޕްލޮމެޓުންނަށް ވެސް ނޭނގެ އެވެ.

ކޮލިސް އިސްލާމްވުމާ ބެހޭ ގޮތުން އިނގިރޭސި ފޮރިން އޮފީހުން ވަކިއެއްޗެއް ނުބުނެ އެވެ. އަދި ކޮލިސް އުޅޭނެ ދީނެއް އިޚްތިޔާރު ކުރުމަކީ އޭނާގެ އަމިއްލަ ކަމެއް ކަމަށް ވަނީ ބުނެފަ އެވެ.

ސައުދީގައި ހުންނަ ސަފީރުގެ މަގާމާ ކޮލިސް ހަވާލުވީ 2015 ވަނަ އަހަރު އެވެ. އޭގެ ކުރިން އޭނާ ވަނީ ސީރިއާ، އިރާގު، އިންޑިއާ، ގަތަރު، ޔޫއޭއީ، ޓިއުނީޝިއާ އަދި ޔަމަނުގައި ސަފީރުކަން ކޮށްފަ އެވެ.

މި އަހަރުގެ ހައްޖުގެ އަޅުކަން ވަނީ 1.8 މިލިއަން މީހުން ފުރިހަމަކޮށްފަ އެވެ.

އިނގިރޭސި ވިލާތުގައި ދެ ވަނަ އަށް އެންމެ ގިނައިން މީހުން ތަބާވަނީ އިސްލާމް ދީނަށެވެ. އެ ގައުމުގެ އާބާދީގެ 4.5 ޕަސެންޓް ނުވަތަ 2.7 މިލިއަނަކީ މުސްލިމުންނެވެ.