ހިލަރީއެކޭ އެއްގޮތަށް ޓްރަމްޕް ވެސް ފިޓް: ޑޮކްޓަރު

ނިއު ޔޯކް (ސެޕްޓެމްބަރު 16) - އެމެރިކާގައި މި އަހަރުގެ ފަހުކޮޅު އޮންނަ ރިޔާސީ އންތިޚާބުގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަކުރައްވާ ޑޮނަލްޑް ޓްރަމްޕް ވެސް ވަރަށް ފިޓް ކަމަށް އޭނާގެ ޑޮކްޓަރު ހާމަކުރި ލިޔުމެއްގައި ބުނެފި އެވެ.


ވާދަވެރި ކެންޑިޑޭޓް ހިލަރީ ކްލިންޓަންގެ ސިއްހީ މައުލޫމާތު އާއްމުކޮށްފައި ވަނިކޮށް ޓްރަމްޕުގެ ޑޮކްޓަރު މެދުވެރިކޮށް އާއްމުކުރި އެއް ސަފުހާގެ ލިޔުމުގައިވާ ގޮތުން ޓްރަމްޕުގެ ބަރުދަން ހުންނަންވާ ވަރަށް ވުރެ އިތުރުވުން ފިޔަވައި އެހެން މައްސަލައެއް ނެތެވެ. އުމުރުން 70 އަހަރުގެ ޓްރަމްޕުގެ ބަރުދަނީ 107 ކިލޯ އެވެ. އިސްކޮޅުގައި ހަ ފޫޓު ތިން އިންޗި ހުރެ އެވެ. ޓްރަމްޕުގެ ބޮޑީ މާސް އިންޑެކްސް އަކީ 29.5 އެކެވެ. އެމެރިކާގައި ބަލާ އުޅޭ މިންގަނޑުން މިއީ "އޯވަވެއިޓް" ކެޓަގަރީ އެވެ. ކޮލެސްޓްރޯލް ދަށް ކުރުމަށް ޓްރަމްޕް ބޭސް ބޭނުން ކުރާ ކަމަށް ވެސް ޑޮކްޓަރު ވަނީ ބުނެފަ އެވެ. އަދި ޓްރަމްޕް ހޮސްޕިޓަލަށް ދިޔައީ އުމުރުން އެއް ފަހަރު ކަމަށާއި އެއީ 11 އަހަރުގައި އެޕެންޑިކްސް އޮޕަރޭޝަނެއް ކުރުމަށް ކަމަށް ވެސް ޑޮކްޓަރު ބުނެފައިވެ އެވެ.

ޑޮނަލްޑް ޓްރަމްޕުގެ ސިއްހީ މައުލޫމާތު ޓީވީ ޝޯއެއްގައި ހިއްސާ ކުރަނީ.

ޓްރަމްޕުގެ ޑޮކްޓަރު ހެރޯލްޑް އެން ބޯންސްޓެއިން ވަނީ ޓްރަމްޕަކީ އެމެރިކާގެ ރައީސްކަން ކުރާ އެންމެ ފިޓް މީހާ އަށް ވާނެ ކަމަށް ޑިސެމްބަރު މަހު ބުނެ، ފަލަ ސުރުޚީން ޖާގަ ހޯދއިފަ އެވެ. އޭނާ ފަހުން ވަނީ އެ ފަހަރުގެ ރިޕޯޓް ތައްޔާރުކުރީ އެންމެ ފަސް މިނިޓުން ކަމަށް އެއްބަސްވެފަ އެވެ.

ކުރިން ރެކޯޑްކޮށްފައިވާ ޓޯކް ޝޯ ޕްރޮގްރާމެއްގައި ޓްރަމްޕް ވަނީ އޭނާގެ ސިއްހަތާ ބެހޭ ގޮތުން ވާހަކަ ދައްކަވައިފަ އެވެ. އެ ޝޯގައި ޓްރަމްޕް ވިދާޅުވެފައި ވަނީ "މިއަދު ވެސް އިހްސާސް ކުރެވެނީ އުމުރުން 30 އަހަރުގައި އުޅޭވެހެން" ކަމަށެވެ.

މިދިޔަ އާދިއްތަ ދުވަހު ތަގްރީރެއް ނިންމަވާލެއްވި ތަނުން ހިލަރީގެ ބޯ އަނބުރާތީ އެކަމަނާ ވަނީ ދަރިކަނބަލުންގެ ނިއު ޔޯކް އެޕާޓްމަންޓަށް ގެންގޮސް ފަރުވާ ދީފަ އެވެ. ހިލަރީގެ ޑޮކްޓަރު ވަނީ އެކަމަނާ އަށް ނިއުމޯނިއާ ޖެހިފައިވާކަން ހުކުރު ދުވަހު ޔަގީންކޮށްދީފަ އެވެ. ނަމަވެސް ބައްޔަށް ފަރުވާ ހޯދައިގެން ހިލަރީ ވަނީ ބުރާސްފަތި ދުވަހު ކެމްޕޭން މަސައްކަތް އަލުން ފައްޓަވައިފަ އެވެ.