އިރާގުގެ ޚަޒާާނާ އިން ވަގަށް ނެގި ފައިސާގެ ތެރޭން އެއް ބިލިއަން ޑޮލަރު ހޯދައިފި

ބަޣުދާދު (އޮގަސްޓް 11) - އިރާގުގެ ޚަޒާނާ އިން ވަގަށް ނަގާފައިވާ ފައިސާގެ ތެރޭން ވޭތުވެދިޔަ ހަ މަސް ދުވަހުގެ މަސައްކަތުން އެއް ބިލިއަން ޑޮލަރު ހޯދާފައިވާ ކަމަށް އެ ގައުމުގެ އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބުނެފި އެވެ.


އިންޓެގްރިޓީ ކޮމިޝަނުން ބުނީ ކޮރަޕްޝަނުގެ އެކި މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކުރުމަށް 857 ކޯޓު އަމަރު ހޯދާފައިވާ ކަމަށެވެ. އޭގެ ތެރޭން 407 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ވެސް ކޮމިޝަނުން ބުނެފައިވެ އެވެ.

ދެހާސް ހަތަރު ވަނަ އަހަރުގެ ފަހުން އިރާގުގެ ޚަޒާނާ އިން ރައްޔިތުންގެ ފައިސާ ވަގަށް ނަގައި އެކިއެކި ސިޔާސީ ފަރާތްތަކާއި ވިޔަފާރިވެރިންގެ ޖީބުތަކަށް 250 ބިލިއަނަށް ވުރެ ގިނަ ޑޮލަރު ވަދެފައިވާ ކަމަށް ޕާލަމެންޓަށް ހުށަހެޅި ރިޕޯޓެއްގައި ބުނެފައިވެ އެވެ. މިއީ އިރާގުގެ އަހަރީ ބަޖެޓުގެ ދެ ގުނައަށް ވުރެ ބޮޑު އަދަދެކެވެ.

ގައުމީ ޚަޒާނާ އިން ވަގަށް ނެގި ފައިސާ ވަދެފައިވާ އެކި ދިމަދިމާ ހޯދަން އެންޓި-ކޮރަޕްޝަން ކޮމިޝަން ވެސް ވަނީ ނުކުޅެދިފަ އެވެ. ގައުމު އާރާސްތު ކުރަން އެންމެ ބޮޑަށް ދަތިވެފައި ވަނީ ވެސް ވަގަށް ނެގި ފައިސާ ނުހޯދި ގައުމުގެ ދަރަނި ބޮޑުވަމުންދާތީ އެވެ.

ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލްގެ ކޮރަޕްޝަން އިންޑެކްސް ދައްކާ ގޮތުން އިރާގު ހިމެނެނީ ދުނިޔޭގެ އެންމެ ކޮރަޕްޓް ގައުމުތަކުގެ ލިސްޓުގެ 12 ވަނައިގަ އެވެ.