ހައްޖުވެރިންނަށް އެހީވާން 350،000 މީހުން

މައްކާ (އޮގަސްޓް 11) - މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރާ ދެ މިލިއަނަށް ވުރެ ގިނަ މީހުންނަށް ޚިދުމަތް ދިނުމުގައި ސައުދީ އަރަބިއާ އިން 350،000 އެހީތެރިން ބޭނުން ކުރާނެ ކަމަށް މައްކާގެ ގަވަރްނަރު ޕްރިންސް ޚާލިދު ބިން އަލް ފައިސަލް ވިދާޅުވެއްޖެ އެވެ.


ހައްޖު ސެންޓްރަލް ކޮމިޓީގެ ޗެއާމަންކަން ވެސް ކުރައްވާ ޕްރިންސް ޚާލިދު ވިދާޅުވީ ވޮލަންޓިއަރުން ނަގާފައި ވަނީ ސަރުކާރުގެ އެކި ދާއިރާތަކުން ކަމަށެވެ.

ހައްޖުވެރިންނަށް ޚިދުމަތް ދިނުމުގައި ސައުދީ ރެޑް ކްރެސެންޓުގެ ޓީމުތައް ވެސް ހަރަކާތްތެރިވާނެ އެވެ.

ދެހާސް ފަނަރަ ވަނަ އަހަރުގެ ހައްޖުގައި ހިނގި ހިތާމަވެރި ހާދިސާގައި 2،300 ހައްޖާޖީން މަރުވުމާ ގުޅިގެން ސައުދީން ވަނީ ހައްޖުގެ އިންތިޒާމްތަކަށް ވަރަށް ބޮޑު އިސްކަމެއް ދީފަ އެވެ. ހައްޖުގެ އަޅުކަމުގައި ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އެތައް ހާސް ސިފައިންނެއް ނެރެފައިވާ އިރު ހައްޖުގެ އަޅުކަމާ ގުޅޭ ހުރިހާ ސަރަހައްދެއްގައި ސެކިއުރިޓީ ކެމެރާ ވަނީ ހަރުކޮށްފަ އެވެ.

ހައްޖު ޕްލޭން ތަންފީޒް ކުރުމަށްޓަކައި މައްކާ މުނިސިޕަލްޓީން ވެސް 23،100 މަސައްކަތު މީހުން ބޭނުން ކުރާނެ އެވެ. އެ ޓީމުން ކުރިއަށް ގެންދާނީ މައްކާގެ ސާފުތާހިރުކަމާއި ޓަނަލްތައް ބެލެހެއްޓުމާއި މަގު ބައްތިތައް ދިއްލުމުން ފަދަ ކަންކަމެވެ. މައްކާގެ އެކި ސަރަހައްދުތައް ސާފު ކުރުމަށް ވަނީ އިތުރު 13،250 މަސައްކަތް މީހުން މައްކާ މުނިސިޕަލްޓީން ރެކްރޫޓްކޮށްފަ އެވެ. މި ޓީމުން ޝިފްޓް ޑިއުޓީގައި 24 ގަޑިއިރު މަސައްކަތް ކުރާނެ އެވެ.