މައްކާ (އޮގަސްޓް 10) - ފާއިތުވި ބައިގަރުނެއްހާ ދުވަހު ތެރޭ 96 މިލިއަން މީހުން ހައްޖުގެ މަތިވެރި އަޅުކަން އަދާކޮށްފައިވާ ކަމަށް ސައުދީ އަރަބިއާގެ ރަސްމީ ހިސާބުތަކުން ދައްކައިފި އެވެ.
މި އަހަރުގެ ހައްޖުގެ އަޅުކަމުގައި ވެސް ގާތްގަނޑަކަށް 2.5 މިލިއަން މީހުން ބައިވެރިވެ އެވެ. ހައްޖުވެރިން މިއަދު އިރުއޮއްސުމާ ހަމައަށް ތިިބޭނީ އަރަފާތު ބިމުގަ އެވެ. ސައުދީން އުއްމީދު ކުރަނީ 2030 ވަނަ އަހަރާ ހަމައަށް ދާއިރު ހައްޖާއި އުމްރާގެ އަޅުކަމަށް އަހަރަކު އެ ގައުމަށް 30 މިލިއަން މީހުން ޒިޔާރަތް ކުރާނެ ކަމަށެވެ.
ހައްޖުގެ އަޅުކަމުގެ ސަލާމަތީ ކަންކަން ބަލަހައްޓަން އެތައް ހާސް އޮފިޝަލުންނެއް ވަނީ ނެރެފަ އެވެ. އޭގެ ތެރޭގައި 17،000 ސިވިލް ޑިފެންސް މުވައްޒަފުން ވެސް ހިމެނެ އެވެ. ހައްޖުވެރިންނަށް ޚިދުމަތް ދިނުމަށް 25 ހޮސްޕިޓަލް ގާއިމްކޮށް 156 ހެލްތު ސެންޓަރު ވަނީ ތައްޔާރުކޮށްފަ އެވެ. ހައްޖުވެރިންނަށް އިމަޖެންސީ ޚިދުމަތް ދިނުމަށް 30،000 ސިއްހީ އޮފިޝަލުން ވަނީ ކަނޑައަޅައިފަ އެވެ.

ހައްޖުވެރިންނަށްޓަކައި 350،000 އެއާ-ކަންޑިޝަން ޓެންޓް ވަނީ ގާއިމްކޮށްފައި ކަމަށް ސައުދީ އޮފިޝަލުން ބުނެ އެވެ. މައްކާ އާއި މަދީނާގައި 5،600 ހޮޓަލާއި އެޕާޓްމަންޓް އިމާރާތް ބޭނުން ކުރާނެ އެވެ.
ހައްޖުވެރިން މައްމާ އަށް ގެންދިއުމަށް މި އަހަރު ވަނީ 3،000 ބައިނަލްއަގުވާމީ ފްލައިޓް ބާއްވައިފަ އެވެ. އަދި ހައްޖުވެރިން ދަތުރު ކުރުމުގައި 25،000 ބަސް ބޭނުން ކުރާނެ އެވެ.
ސައުދީ ހައްޖު މިނިސްޓްރީން ބުނީ ހައްޖުވެރިންގެ ފަސޭހައަށް 13،000 މުވާސަލާތީ ޓަވަރު ޖަހައި 5،400 ވައި-ފައި ޒޯން ގާއިމްކޮށްފައިވާ ކަމަށެވެ.
ހައްޖާ ގުޅޭ ބައެއް ތަފާސް ހިސާބު
* 2019: 2.5 މިލިއަން ހައްޖާޖީން
* 2018: 2.37 މިލިއަން ހައްޖާޖީން
* 2016: 1.86 މިލިއަން ހައްޖާޖީން
* 1941: 24،000 ހައްޖާޖީން