ގެއްލުނު ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖާ މަރުވެފައި އޮއްވާ ފެނިއްޖެ

ކުއާލަ ލަމްޕޫރު (އޮގަސްޓް 14) - ޗުއްޓީއަކަށް އާއިލާއާ އެކު މެލޭޝިއާ އަށް ދިޔަ އިނގިރޭސި ވިލާތުގެ ޚާއްސަ އެހީއަށް ބޭނުންވާ އުމުރުން 15 އަހަރުގެ ކުއްޖެއް ކަމަށްވާ ނޯރާ ކުއޮރިން ގެއްލިގެން ހޯދާތާ 10 ދުވަސް ފަހުން، މަރުވެފައި އޮއްވާ އިއްޔެ ފެނިއްޖެ އެވެ.


ވެރިރަށް ކުއާލަ ލަމްޕޫރުގެ ދެކުން 39 މޭލު ދުރުގައި އޮންނަ ޑުސުން ރިސޯޓުން ނޯރާ ގެއްލުނީ، އެ ރިސޯޓަށް ދިޔަތާ އެއް ދުވަސް ފަހުން، މި މަހު 4 ވަނަ ދުވަހު އެވެ. އެ ކުއްޖާގެ ހަށިގަނޑު ފެނުނީ ޑުސުންއާ އެއް މޭލު (ދެ ކިލޯ މީޓަރު) ދުރުން ޖަންގަލީގެ ތެރޭންނެވެ. ނޯރާގެ މައިންބަފައިން ވެސް މިހާރު ވަނީ ފެނިފައި ވަނީ އެ މީހުންގެ ދަރިފުޅުކަން ޔަގީންކޮށްދީފަ އެވެ. ނޯރާގެ ޕޯސްޓް-މޯޓަމް މިއަދު ހަދާނެ އެވެ.

ގެއްލުނު 15 އަހަރުގެ ނޯރާ ހޯދުމުގެ މަސައްކަތް ކުރަނީ. --ފޮޓޯ:އޭއެފްޕީ

ފްރާންސް-އައިރިޝް ދަރިކޮޅަށް ނިސްބަތްވާ ނޯރާ ހޯދަން 350 މީހުންގެ ޓީމަކުން ދިޔައީ މަސައްކަތް ކުރަމުންނެވެ. އެ ކުއްޖާ ހޯދުމަށް ހެލިކޮޕްޓަރާއި ޑްރޯން، ސްނިފާ ޑޯގު އަދި ޑައިވަރުންގެ އެހީ ހޯދި އެވެ. މެލޭޝިއާގެ އިތުރުން ފްރާންސް، އަޔަލެންޑް އަދި އިނގިރޭސި ވިލާތުގެ ޓީމުތަކުން ވެސް ވަނީ ނޯރާ ހޯދުމުގައި އެހީތެރިވެފަ އެވެ. މެލޭޝިއާ ފުލުހުންގެ ޑިޕިއުޓީ މަޒްލާން މަންސޫރު ވިދާޅުވީ ޖަންގަލީގެ ތެރޭގައި ފެންދެމޭ ތަނެއްގެ ކައިރިން ނޯރާ ފެނުނު އިރު އޮތީ ބަރަހަނާ ހާލުގައި ކަމަށެވެ. އެ ކުއްޖާގެ ހަށިގަނޑަށް އެއްވެސް ގެއްލުމެއް ލިބިފައިވާ ކަމަށް ފުލުހުން ނުބުނެ އެވެ.

ނޯރާ ގެއްލުނީ ކަމަށް މެލޭޝިއާގެ ކަމާބެހޭ ފަރާތްތަކުން ނިންމި ނަމަވެސް އެ ކުއްޖާގެ އާއިލާ އިން ތުހުމަތު ކުރަނީ ނޯރާ ވަގަށް ނެގީ ކަމަށެވެ. ސިކުނޑީގެ އުނިކަމެއް ހުންނަ ނޯރާ އަށް އެކަނި އެއްވެސް ތަނަކަށް ނުދެވޭނެ ކަމަށް އާއިލާ އިން ބުނެ އެވެ.

ނޯރާގެ މައިންބަފައިންނަކީ ފްރެންޗް-އައިރިޝް ބައެއް ނަމަވެސް އެ މީހުން ލަންޑަނުގައި ދިރިއުޅޭތާ 20 އަހަރުވެއްޖެ އެވެ. އެ ދެމަފިރިން ހޯމަ ދުވަހު ވަނީ ނޯރާ ހޯދައިދިން ފަރާތަކަށް 50،000 ރިންގިޓް (11،900 ޑޮލަރު) ގެ އިނާމެއް ވެސް ހުށަހަޅައިފަ އެވެ.