ހިޒްބުﷲގެ އިންޒާރަށް ޖެހިލުމެއް ނުވޭ: ނަތަންޔާހޫ

ތެލް އަވީވް (އޮގަސްޓް 18) - ހިޒްބުﷲގެ އަސްކަރީ ގާބިލްކަން ހުރި މިންވަރާ ގުޅޭ ގޮތުން އެ ޖަމާއަތުގެ ލީޑަރު ހަސަން ނަސްރުﷲ ދެއްވި އިންޒާރަށް ކުޑަކޮށް ވެސް ޖެހިލުން ނުވާ ކަމަށް އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.


އިޒްރޭލާއި ހިޒްބުﷲއާ ދެމެދު 2006 ވަނަ އަހަރު ކުރި ހަނގުރާމަ އަށް 13 އަހަރު ފުރުނު މުނާސަބަތާ ދިމާކޮށް ނަސްރުﷲ ދެއްވި އިންޓަވިއުގައި ވިދާޅުވީ އެ ހަނގުރާމައަކީ ހިޒްބުﷲ ގެ އަސްކަރީ ގާބިލްކަން އިތުރު ކުރުމަށް ލިބުނު ފުރުސަތެއް ކަމަށެވެ. އިޒްރޭލާއި ހިޒްބުﷲއާ ދެމެދު މަސް ދުވަހަށް ކުރިއަށް ދިޔަ ހަނގުރާމައިގައި ލުބުނާނުން 1،200 މީހުން މަރުވެ އިޒްރޭލުން 160 މީހުން މަރުވި އެވެ.

"އިޒްރޭލުން ދެކުނު ލުބުނާނަށް ވަދެއްޖެ ނަމަ އިޒްރޭލުގެ ލަޝްކަރުތައް ނެތިކޮށްލާތަން ލައިވްކޮށް ފެނިގެންދާނެ،" ނަސްރުﷲ ވިދާޅުވި އެވެ.

ހިޒްބުﷲ ގެ ލީޑަރަށް ރައްދު ދެއްވަމުން ނަތަންޔާހޫ ވިދާޅުވީ އެއީ އިޒްރޭލުން ބިރުގަންނާނެ ވާހަކަތަކެއް ނޫން ކަމަށެވެ.

"ނަސްރުﷲ ހުންނެވި ބަންކަރުގެ ތެރޭން އެ ވާހަކަތައް ބްރޯޑްކާސްޓްކުރި ބޭނުން އެންމެ ރަނގަޅަށް އެނގޭނީ އޭނާ އަށް،" ނަތަންޔާހޫ ވިދާޅުވި އެވެ.

ލުބުނާނުގެ އަލް އަޚްބާރު ނޫހަށް 2014 ވަނަ އަހަރު ދެއްވި އިންޓަވިއުއެއްގައި ނަސްރުﷲ ވިދާޅުވީ 2006 ވަނަ އަހަރުގެ ހަނގުރާމަ އަށް ފަހު އޭނާ ނިދާތަން ވަރަށް އަވަސް އަވަހަށް ބަދަލު ކުރައްވާ ކަމަށެވެ. ނަމަވެސް ފިއްލަވައިގެން އުޅުއްވާކަން ދޮގު ކުރެއްވި އެވެ.

"އަޅުގަނޑަކީ ބަންކަރު ތެރޭ އުޅޭ މީހެއް ނޫން،" އޭނާ ވިދާޅުވި އެވެ.