ކައިވެނި ހަފުލާގެ ބޮމުގެ ހަމަލާ: ދެމަފިރިންގެ އުއްމީދުތައް ފެނަށް

ކާބުލް (އޮގަސްޓް 19) - އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ބޭއްވި ކައިވެނި ހަފުލާއެއްގައި އަމިއްލަ އަށް މަރުވެގެން ދިން ބޮމުގެ ހަމަލާއެއްގައި އެތައް ބަޔަކު އިއްޔެ މަރުވި ހާދިސާ އަށް ފަހު، އެ ހަފުލާ ބޭއްވި ދެމަފިރިންގެ އުއްމީދުތައް ވިއްސިވިހާލިވެއްޖެ ކަމަށް ބުނެފި އެވެ.


ޓީވީ އިންޓަވިއުއެއްގައި ފިރިމީހާ މިރްވައިސް އެލްމީ ބުނީ ބޮމުގެ ހަމަލާގައި އޭނާގެ އަނބިމީހާ ސަލާމަތްވި ކަމަށެވެ. ނަމަވެސް އޭނާގެ ބޭބެ އާއި ގިނަ އަދަދެއްގެ ތިމާގެ މީހުން މަރުވި ކަމަށް ބުންޏެވެ. ހޮނިހިރު ދުވަހު ދިން ހަމަލާގައި 63 މީހުން މަރުވެ 108 މީހުން ޒަޚަމްވި އެވެ.

ބޮމުގެ ހަމަލާގެ ޒިންމާ ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް) އިން އުފުލައިފަ އެވެ.

ޓޯލޯ ނިއުސް އަށް ދިން އިންޓަވިއުގައި މިރްވައިސް ބުނީ ކައިވެނި ހަފުލާގައި ބޮން ގޮއްވުމުން އޭނާގެ އަންހެނުންނާއި މުޅި އާއިލާ އަށް ވެސް ލިބުނީ ޝޮކެއް ކަމަށެވެ.

"އަހަރެންގެ އުއްމީދުތައް ގެއްލިއްޖެ. އަހަރެންގެ ބޭބެ ގެއްލިއްޖެ. އަހަރެންގެ ހުރިހާ ރަހުމަތްތެރިން ގެއްލިއްޖެ. ތިމާގެ މީހުން ގެއްލިއްޖެ. އަހަންނަކަށް ހިއެއް ނުވޭ ދެން ހަޔާތުގައި އުފަލެއް ލިބޭނެހެން،" އޭނާ ބުންޏެވެ. "ކައިވެނީގެ އުފާވެރިކަން މިވަނީ ހިތާމައަށް ބަދަލުވެފައި."

ބޮމުގެ ހަމަލާ އަށް ފަހު މިރްވައިސްގެ އަންހެނުންނަށް ވަނީ ޝޮކެއް ޖެހިފަ އެވެ. އޭނާއަކަށް ރަނގަޅަށް ވާހަކައެއް ނުދެއްކެ އެވެ.

ކާބުލްގައި މިއަދު ބޮން ގޮއްވާލުމުން ވެޑިން ހޯލުގެ ފުރާޅު ހަލާކުވެފައި. --ފޮޓޯ:އޭއެފްޕީ

މިރްވައިސް ބުނީ މަރުވި މީހުންގެ ޖަނާޒާގައި ބައިވެރިވުމުގެ ހިތްވަރު ވެސް އޭނާ އަށް ނުލިބުނު ކަމަށެވެ. އެހާވެސް އޭނާ ބަލިކަށިވެފައިވާ ކަމަށް ބުންޏެވެ.

މިރްވައިސްގެ އަންހެނުންގެ ބައްޕަ އަފްޣާން މީޑިއާ އަށް ބުނީ ބޮމުގެ ހަމަލާގައި އެ އާއިލާ އިން 14 މީހުން މަރުވި ކަމަށެވެ.

އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ޣަނީ ވަނީ އެއީ "ވަރަށް ފިނޑި" ހަމަލާއެއްގެ ގޮތުގައި ސިފަ ކުރައްވައިފަ އެވެ. އަދި ޓެރަރިސްޓުންނަށް ޕްލެޓްފޯމް ފަހިކޮށްދެނީ ތާލިބާނުން ކަމަށް ވިދާޅުވި އެވެ.

އަފްޣާނިސްތާނުގެ ޗީފް އެގްޒެކެޓިވް އަބްދުﷲ އަބްދުﷲ ވިދާޅުވީ އެއީ އިންސާނިއްޔަތާ ދެކޮޅަށް ހިންގި ބޮޑު ޖަރީމާއެއް ކަމަށެވެ.

އައިއެސް އިން ނެރުނު ބަޔާނެއްގައި ބުނީ ކައިވެނީގެ ހަފުލާގައި އެ ޖަމާއަތުގެ މީހަކު އަމިއްލަ އަށް މަރުވެގެން ބޮން ގޮއްވި އިރު އިމަޖެންސީ ސާވިސް އިން އައި ވަގުތު ވެހިކަލެއް ވެސް ގޮއްވާލި ކަމަށެވެ. މި ހަމަލާ ދީފައި ވަނީ ޝިއައީ މުސްލިމުންގެ މަޝްހޫރު ސަރަހައްދެއްގަ އެވެ.

ކައިވެނި ހަފުލާގައި ހުއްޓާ ބޮން ގޮއްވާލުމުން ޒަޚަމްވި މީހެއް ކަމަށްވާ މުނީރް އަހުމަދު، 23، ބުނީ މަރުވި މީހުންގެ ތެރޭގައި އޭނާގެ ދެބެންގެ ދެދަރި މީހަކު ހިމެނޭ ކަމަށެވެ.

"ބޮން ގޮއްވާލި އިރު ކައިވެނީގެ ހަފުލާގައި އެންމެން ދިޔައީ އުފާފާޅު ކުރަމުން،" ހޮސްޕިޓަލުގައި އޮވެ އޭއެފްޕީ އަށް އޭނާ ބުންޏެވެ.