ހަތަރު މަހަށް ފަހު ލަންކާގެ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަަށް

ކޮލަމްބޯ (އޮގަސްޓް 24) - އީސްޓާ ބޮމުގެ ހަމަލާއާ ގުޅިގެން ސްރީ ލަންކާގައި ހިންގި ކުއްލި ނުރައްކަލުގެ ހާލަތު، ހަތަރު މަހަށް ފަހު އިއްޔެ އުވާލައިފި އެވެ.


އެޕްރީލް 21 ގައި ދިން ހަމަލާ އަށް ފަހު ރައީސް މައިތުރިޕާލާ ސިރިސޭނާ ގެންދެވީ ކޮންމެ މަހެއްގެ 22 ވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު މަސް ދުވަހަށް އިތުރު ކުރައްވަމުންނެވެ. ނަމަވެސް މި މަހުގެ 22 ވަނަ ދުވަހަށް ފަހު ކުއްލި ނުރައްކަލުގެ ހާލަތު ސިރިސޭނާ އިތުރު ކުރައްވައިފައެއް ނުވެ އެވެ.

ބޮމުގެ ހަމަލާ އަށް ފަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ލަންކާ ސިފައިންނާއި ފުލުހުންނަށް ވަނީ ތަންތަން ބަލާ ފާސްކުރުމާއި މީހުން ހައްޔަރު ކުރުމުގެ އިތުރު ބާރުތައް ދީފަ އެވެ.

ތިން ފައްޅިއަކާއި ލަގްޒަރީ ހޮޓާތަކަށް ދިން ބޮމުގެ ހަމަލާތަކުގައި ވަނީ 258 މީހުން މަރުވެފަ އެވެ. މީގެ ތެރޭން 45 މީހުންނަކީ ބިދޭސީންނެވެ. ބޮމުގެ ހަމަލާތަކުގައި ވަނީ 500 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފަ އެވެ.

ބޮމުގެ ހަމަލާގެ އިންޒާރު ކުރިން ލިބި، ހަމަލާ އަށް އިހުމާލުވި ފުލުހުންގެ އިސް އޮފިސަރުންގެ މައްޗަށް ވަނީ ޖިނާއީ ތަހުގީގެއް ފަށައިފަ އެވެ. ބޮމުގެ ހަމަލާ އަށް އިހުމާލުވި މައްސަލައިގެ ތަހުގީގު ލަންކާގެ ޕާލަމެންޓުގެ ކޮމިޓީއަކުން ވެސް މިހާރު ދަނީ ބަލަމުންނެވެ. ހަމަލާގެ އިންޒާރު ކުރިން ލިބި ފިޔަވަޅު އަޅާފައި ނުވާތީ ސިރިސޭނާ އަށް ވެސް ވަނީ ތުހުމަތުތަކެއް ކޮށްފަ އެވެ.

ލަންކާގެ ކަމާ ބެހޭ ފަރާތްތަކުން ބުނެފައި ވަނީ އީސްޓާ ސަންޑޭގައި ނޭޝަނަލް ތައުހީދު ޖަމާއަތް (އެންޓީޖޭ) އިން ހަމަލާ ދޭން ރާވަމުންދާކަމުގެ މައުލޫމާތު އަވަށްޓެރި އިންޑިއާ އިން އެޕްރީލް 4 ވަނަ ދުވަހު ދީފައިވާ ކަމަށެވެ. އިންޑިއާ އިން ދިން ޖާސޫސީ މައުލޫމާތާ ގުޅިގެން ފިޔަވަޅު އަޅާފައި ނުވާތީ ލަންކާގެ ސްޓޭޓް އިންޓަލިޖެންސް ސާވިސް (އެސްއައިއެސް) އަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ.