އެމެރިކާ އިން ދޭ އެހީއަށް އަމާޒުވާ ފާޑުކިޔުންތަކަށް ނަތަންޔާހޫ ރައްދު ދެއްވައިފި

ތެލް އަވީވް (ސެޕްޓެމްބަރު 19) - އެމެރިކާ އިން އިޒްރޭލަށް ދޭ އަސްކަރީ އެހީ އަށް އަމާޒުވަމުންދާ ފާޑުކިޔުންތަކަށް ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ރައްދު ދެއްވައިފި އެވެ.


އެމެރިކާ އިން ވަނީ 2019 ވަނަ އަހަރުން ފެށިގެން ކުރިއަށް އޮތް 10 އަހަރު އިޒްރޭލަށް 38 ބިލިއަން ޑޮލަރު ދޭން ނިންމައިފަ އެވެ.

ކެބިނެޓުގެ ބައްދަލުވުމެއްގައި ނަތަންޔާހޫ ވިދާޅުވީ އިޒްރޭލަށް ދޭން ނިންމި އަސްކަރީ އެހީ އަކީ އެމެރިކާގެ ތާރީޚުގައި ވެސް ގައުމަކަށް ދޭ އެންމެ ބޮޑު އެހީ ކަމަށެވެ. އަދި މިއީ އެމެރިކާ އާއި އިޒްރޭލާ ދެމެދު އޮތް ގާތްގުޅުމުގެ ނަތީޖާ ކަމަށް ވެސް ވިދާޅުވި އެވެ.

ނަތަންޔާހޫއާ ދެކޮޅު އިޒްރޭލުގެ ސިޔާސީ ފަރާތްތަކުން ބުނީ އީރާނާ އެކު ދުނިޔޭގެ ބާރުތަކުން ގާއިމްކުރި ނިއުކްލިއާ އެއްބަސްވުމާ ގުޅިގެން އިޒްރޭލުގެ ސަލާމަތަށް އިތުރަށް ނުރައްކާވާނެ ކަމަށް ބުނެ އެމެރިކާއާ އެކު މަޝްވަރާ ކުރި ނަމަ އެހީ މިއަށް ވުރެ ބޮޑުވާނެ ކަމަށެވެ. އީރާނުގެ ނިއުކްލިއާ އެއްބަސްވުމަށް ނަތަންޔާހޫ ވަނީ ވަރަށް ބޮޑަށް ދެކޮޅު ހައްދަވައިފަ އެވެ. މި އެއްބަސްވުމާ ދެކޮޅަށް އެމެރިކާގެ ކޮންގްރެސްގައި ނަތަންޔާހޫ ވަނީ މިދިޔަ އަހަރުގެ މާޗު މަހު ތަގްރީރު ވެސް ކުރައްވައިފަ އެވެ.

ކޮންގްރެސްގައި ނަތަންޔާހޫ ތަގްރީރު ކުރެއްވުމުން ރައީސް ބަރަކް އޮބާމާގެ ސަރުކާރުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. ވައިޓްހައުސް އިން ބުނެފައި ވަނީ އެއީ ގައުމެއްގެ ދާޚިލީ ކަންކަމުގެ ތެރެއަށް އެހެން ގައުމެއްގެ ވެރިއަކު ބެހުން ކަމަށެވެ.

ނަތަންޔާހޫ އަށް އެންމެ ބޮޑަށް ފާޑުވިދާޅުވަމުންދާ އިޒްރޭލުގެ ކުރީގެ ބޮޑު ވަޒީރު އިހުދު ބަރާކް ވިދާޅުވީ އެމެރިކާގެ އެހީ ކުޑަވީ ނަތަންޔާހޫގެ ސަބަބުން ކަމަށެވެ. އަދި ނަތަންޔާހޫ ވިސްނުންތެރި ކަމާ އެކު އަމަލު ކުރި ނަމަ އެމެރިކާގެ އެހީ އަހަރަކު 3.8 ބިލިއަން ޑޮލަރަށް ވުރެ އިތުރުވާނެ ކަމަށް ބަރާކް ވިދާޅުވި އެވެ.

އިޒްރޭލުގެ ދިފާއީ ބަޖެޓަށް ކަނޑައަޅާފައިވާ 16 ބިލިއަން ޑޮލަރުގެ ތެރޭން ބޮޑު ބައެއް ހަމަޖައްސައިދެނީ އެމެރިކާ އެވެ.