ހޮން ކޮންގެ ދަރިވަރުން ކްލާސްތައް ބޮއިކޮޓްކޮށްފި

ހޮން ކޮން (ސެޕްޓެމްބަރު 2) - ހޮން ކޮންގައި މިހާރު ފަށާފައިވާ ޑިމޮކްރެސީ ހަރަކާތްތަކުގެ ދަށުން އެ ގައުމުގެ ސެކަންޑަރީ ސްކޫލް އަދި ޔުނިވާސިޓީ ދަރިވަރުންގެ އާ އަހަރުގެ ކިޔެވުމުގެ ފުރަތަމަ ދުވަހުގެ ކްލާސްތައް މިއަދު ބޮއިކޮޓްކޮށްފި އެވެ.


ޑިމޮކްރެސީ އެކްޓިވިސްޓުން ބުނި ގޮތުގައި ހޮން ކޮންގެ 200 އަށް ވުރެ ގިނަ ސެކަންޑަރީ ސްކޫލްގެ 10،000 ދަރިވަރުން މިއަދު ސްކޫލަކަށް ނުދެ އެވެ. ކިޔަވާ ކުދިން ސްކޫލްތައް ބޮއިކޮޓްކޮށްފައި މި ވަނީ ދެ ދުވަހަށް ހޮން ކޮންގުގައި ބޮޑު މުޒާހަރާއެއް ބާއްވަން އިއުލާންކޮށްފައި ވަނިކޮށެވެ.

ސިލްސިލާ މުޒާހަރާތަކުގެ ތެރޭން ހޮނިހިރު ދުވަހު ވަނީ ވަރުގަދަ ކުރިމަތިލުންތަކެއް ވެސް ހިންގައިފަ އެވެ. މުޒާހަރާ ކުރި މީހުން ޕެޓްރޯލް ބޮން އުކައި ޕާލަމެންޓް އިމާރާތަށް ހަމަލާ ދިނުމުން ފުލުހުން ވަނީ ކަރުނަ ގޭހާއި ރަބަރު ވަޒަން ބޭނުންކޮށްފަ އެވެ. އަދި އިންޒާރު ދިނުމުގެ ގޮތން އަސްލު ވަޒަން ވެސް ބޭނުންކޮށްފައިވެ އެވެ.

މުޒާހަރާގެ ބައިވެރިން މިއަދު ވަނީ ރޭލް ދަތުރުތައް ވެސް ހުއްޓުވާލައިފަ އެވެ. މުޒާހަރާގައި ވަނީ ޗައިނީޒް ޔުނިވާސިޓީ އޮފް ހޮން ކޮންގެ އެތައް ސަތޭކަ ދަރިވަރުން ވެސް ބައިވެރިވެފަ އެވެ. އެ ޔުނިވާސިޓީގެ ދަރިވަރުންގެ ޖަމިއްޔާ އިން ނެރުނު ބަޔާނެއްގައި ވަނީ ކްލާސްތައް ބޮއިކޮޓްކުރި ކަމަށް ބުނެފަ އެވެ.

ހޮން ކޮންގައި މުޒާހަރާތައް ކުރިއަށް ގެންދާތާ މިހާރު 14 ހަފުތާވެއްޖެ އެވެ.