އީސްޓާ ބޮމުގެ ހަމަލާއާ ގުޅިގެން 300 މީހުން ހައްޔަރުކުރި

ކޮލަމްބޯ (ސެޕްޓެމްބަރު 5) - މިދިޔަ އެޕްރީލް މަހު ސްރީ ލަންކާގައި ދިން އީސްޓާ ބޮމުގެ ހަމަލާއާ ގުޅިގެން ގާތްގަނޑަކަށް 300 މީހުން ހައްޔަރު ކުރި ކަމަށް ފުލުހުން ބުނެފި އެވެ.


އެޕްރިލް 21 ގެ ހަމަލާއާ ގުޅިގެން 293 މީހުން ހައްޔަރު ކުރި ކަމަށް ފުލުހުން ބުންޏެވެ. ފުލުހުންގެ ތަރުޖަމާން ރުވާން ގުނަސެކަރަ ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ ތެރޭން 115 މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި 178 މީހުން ބަންދުގައި ތިބީ ހައްޔަރު ކުރުމުގެ އަމުރުގެ ދަށުން ކަމަށް ތަރުޖަމާން ވިދާޅުވި އެވެ.

ލަންކާގެ ތިން ފައްޅިއަކާއި ލަގްޒަރީ ހޮޓާތަކަށް ދިން ބޮމުގެ ހަމަލާތަކުގައި ވަނީ 258 މީހުން މަރުވެފަ އެވެ. މީގެ ތެރޭން 45 މީހުންނަކީ ބިދޭސީންނެވެ. ބޮމުގެ ހަމަލާތަކުގައި ވަނީ 500 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފަ އެވެ.

ލަންކާގެ ކަމާ ބެހޭ ފަރާތްތަކުން ބުނެފައި ވަނީ އީސްޓާ ސަންޑޭގައި ނޭޝަނަލް ތައުހީދު ޖަމާއަތް (އެންޓީޖޭ) އިން ހަމަލާ ދޭން ރާވަމުންދާކަމުގެ މައުލޫމާތު އަވަށްޓެރި އިންޑިއާ އިން އެޕްރީލް 4 ވަނަ ދުވަހު ދީފައިވާ ކަމަށެވެ. އިންޑިއާ އިން ދިން ޖާސޫސީ މައުލޫމާތާ ގުޅިގެން ފިޔަވަޅު އަޅާފައި ނުވާތީ ލަންކާގެ ސްޓޭޓް އިންޓަލިޖެންސް ސާވިސް (އެސްއައިއެސް) އަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ.