އީރާނުގެ ޓޭންކަރު ވަނީ ސީރިއާ އަށް ބަނދަރުކޮށްފައި: އެމެރިކާ

ވޮޝިންޓަން (ސެޕްޓެމްބަރު 8) - އެމެރިކާ އިން ބްލެކްލިސްޓްކޮށްފައިވާ އެޑްރިއަން ޑަރިއާ-1 މިހާރު ވަނީ ސީރިއާގެ ތަރްތޫސްގައި ބަނދަރުކޮށްފައި ކަމަށް އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޖޯން ބޯލްޓަން ވިދާޅުވެއްޖެ އެވެ.


"އެޑްރިއަން ޑަރިއާ-1 ދަތުރު ކުރަނީ ސީރިއާ އަށް ނޫން ކަމަށް ބުނާ މީހުންގެ ވާހަކަ ދޮގު،" އީރާނުގެ ތެޔޮ ހުރި ޓޭންކަރުގެ ސެޓެލައިޓް ފޮޓޯއަކާ އެކު ބޯލްޓަން ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޓޭންކަރު އެންކަރުކޮށްފައި އޮތީ ތަރްތޫސްއާ ދެ މޭލު ބޭރުގައި ކަމަށެވެ.

"އީރާނުގެ ރައްޔިތުންނަށް އެހީވުމަށް ވުރެ އެ ގައުމުން އިސްކަން ދެނީ އަނިޔާވެރި (ބައްޝާރުލް) އަސަދުގެ ސަރުކާރަށް އެހީވާން. އީރާނުން ދޮގު ހެދުން ހުއްޓާ ނުލާހާ ހިނދު ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ދިނުމެއް ނެތް،" ބޯލްޓަން ވިދާޅުވި އެވެ.

ކަނޑުގެ އުޅަނދުތައް މޮނިޓާ ކުރާ ޓޭންކާޓްރެކާސް އިން ބުނެފައިވާ ގޮތުގައި ވެސް އެޑްރިއަން ޑަރިއާ-1 އޮތީ ތަރްތޫސްގެ ބޭރުގަ އެވެ. ނަމަވެސް 2.1 މިލިއަން ފީފާ ތެޔޮ ހުރި ޓޭންކަރުން އެއްވެސް މުދަލެއް ސީރިއާ އަށް ބާލާކަން ޔަގީންކޮށްފައެއް ނުވެ އެވެ. އެކަމަކު "މިޑްލްއީސްޓް އައި" އިން ބުނެފައިވާ ގޮތުގައި ޓޭންކަރުގައި ހުރި ކާގޯގެ 55 ޕަސެންޓް ވަނީ ބުރާސްފަތި ދުވަހުގެ ރޭ ހުސްކޮށްފަ އެވެ.

އީރާނުގެ ތެޔޮ ހުރި ޓޭންކަރު އެޑްރިއަން ޑަރިއާ-1 --ފޮޓޯ:އޭއެފްޕީ

ގްރޭސް 1 ގެ ނަމުގައި ދަތުރުކުރި ޓޭންކަރު ޖިބްރޯލްޓާގެ ބޭރުން އިނގިރޭސި ސިފައިން އަރާ މިދިޔަ ޖުލައި މަހު 19 ވަނަ ދުވަހު ހިފެހެއްޓީ އެ ޓޭންކަރުގައި ހުރީ ސީރިއާ އަށް ގެންދާ ތެޔޮ ކަމަށް ބުނެ އެވެ. ޓޭންކަރުގައި ހުރީ ސީރިއާ އަށް ގެންދާ ތެޔޮ ނޫން ކަމުގެ ގެރެންޓީ އީރާނުން ދިނުމުން ޓޭންކަރު ދޫކޮށްލަން ޖިބްރޯލްޓާގެ ސުޕްރީމް ކޯޓުން ނިންމުމުން ވެސް އެމެރިކާ އިން ވަނީ އެ ޓޭންކަރު ހިފެހެއްޓޭތޯ މަސައްކަތްކޮށްފަ އެވެ. ޓޭންކަރު އޮގަސްޓް 15 ވަނަ ދުވަހު ޖިބްރޯލްޓާ އިން ފުރީ ނަން ބަދަލުކޮށް އެޑްރިއަން ޑަރިއާ-1 ގެ ނަމުގަ އެވެ. އެމެރިކާ އިން ފަހުން ވަނީ އެ ޓޭންކަރަށް އެއްވެސް އެހީތެރިކަމެއް ފޯރުކޮށްދޭ ގައުމަކާ ދެކޮޅަށް ވެސް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފަ އެވެ.

އީރާނުން ބުނެފައި ވަނީ ޓޭންކަރުގައި ހުރި 2.1 މިލިއަން ފީފާ ތެޔޮ ވިއްކާލާފައިވާ ކަމަށެވެ. ޓޭންކަރުގައި ހުރި ތެލުގެ އަގަކީ 140 މިލިއަން ޑޮލަރެވެ.

އެމެރިކާ އިން ބާރު ފޯރުވެވޭ ސަރަހައްދަކަށް ޓޭންކަރު ގެންގޮސްދީފި ނަމަ އެ ޓޭންކަރުގެ ކެޕްޓަނަށް 15 މިލިއަން ޑޮލަރު ހުށަހެޅި ކަމަށް ސްޓޭޓް ޑިޕާޓްމަންޓުގެ އޮފިޝަލުން ވަނީ ޔަގީންކޮށްދީފަ އެވެ.