ޓޭންކަރުގައި ހުރި ތެޔޮ ހުސްކުރީ މެޑިޓެރޭނިއަންގެ ބަނދަރަކަށް: އީރާން

ތެހެރާން (ސެޕްޓެމްބަރު 9) - އެމެރިކާ އިން ބްލެކްލިސްޓްކޮށްފައިވާ އެޑްރިއަން ޑަރިއާ-1 ގައި ހުރި 2.1 މިލިއަން ފީފާ ތެޔޮ ހުސްކޮށްފައި ވަނީ މެޑިޓެރޭނިއަންގެ ބަނދަރަކަށް ކަމަށް އީރާނުން ބުނެފި އެވެ.


އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމަނާކު ވިދާޅުވީ ޖިބްރޯލްޓާ އިން ދޫކޮށްލި ފަހުން ޓޭންކަރު ވަނީ މެޑިޓެރނިއަންގެ ބަނދަރެއްގައި ޑޮކްކޮށްފައި ކަމަށެވެ. ނަމަވެސް އެއީ ކޮން ބަނދަރެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ. އީރާނުން ކުރިން ބުނެފައި ވަނީ ޓޭންކަރުގައި ހުރި ތެޔޮ ވިއްކާލާފައިވާ ކަމަށެވެ. އެ ޓޭންކަރުގައި ހުރި ތެލުގެ އަގަށް 140 މިލިއަން ޑޮލަރު އަރަ އެވެ.

ސެޓެލައިޓް ފޮޓޯތަކާ ހަވާލާދީ އެމެރިކާ އިން އެންމެ ފަހުން ބުނެފައި ވަނީ އެޑްރިއަން ޑަރިއާ -1 މިހާރު ވަނީ ސީރިއާގެ ތަރްތޫސްގައި ބަނދަރުކޮށްފައި ކަމަށެވެ. ނަމަވެސް ޓޭންކަރުން އެއްވެސް ކާގޯއެއް ހުސްކުރާ ކަމަށް އެއްވެސް ފަރާތަކުން ބުނެފައެއް ނުވެ އެވެ.

އެމެރިކާ އިން ފާރަލަމުން ދިޔަ ޓޭންކަރު މިދިޔަ ހަފުތާގައި ދަތުރުކޮށްފައި ވަނީ އޭގެ ޓްރާންސްޕޮންޑާ ނިއްވާލައިގެންނެވެ. އެހެންވެ ޓޭންކަރު މިިދޔަ ހަފުތާގައި އޮތް ތަނެއް ނޭނގެ އެވެ.

އެމެރިކާ އިން ބުނެފައި ވަނީ ޓޭންކަރު އޮތީ ސީރިއާގެ ރަށެއްގެ ބޭރުގައި ބަނދަރުކޮށްފައި ކަމަށް.

ގްރޭސް 1 ގެ ނަމުގައި ދަތުރުކުރި ޓޭންކަރު ޖިބްރޯލްޓާގެ ބޭރުން އިނގިރޭސި ސިފައިން އަރާ މިދިޔަ ޖުލައި މަހު 19 ވަނަ ދުވަހު ހިފެހެއްޓީ އެ ޓޭންކަރުގައި ހުރީ ސީރިއާ އަށް ގެންދާ ތެޔޮ ކަމަށް ބުނެ އެވެ. ޓޭންކަރުގައި ހުރީ ސީރިއާ އަށް ގެންދާ ތެޔޮ ނޫން ކަމުގެ ގެރެންޓީ އީރާނުން ދިނުމުން ޓޭންކަރު ދޫކޮށްލަން ޖިބްރޯލްޓާގެ ސުޕްރީމް ކޯޓުން ނިންމުމުން ވެސް އެމެރިކާ އިން ވަނީ އެ ޓޭންކަރު ހިފެހެއްޓޭތޯ މަސައްކަތްކޮށްފަ އެވެ. ޓޭންކަރު އޮގަސްޓް 15 ވަނަ ދުވަހު ޖިބްރޯލްޓާ އިން ފުރީ ނަން ބަދަލުކޮށް އެޑްރިއަން ޑަރިއާ-1 ގެ ނަމުގަ އެވެ. އެމެރިކާ އިން ފަހުން ވަނީ އެ ޓޭންކަރަށް އެއްވެސް އެހީތެރިކަމެއް ފޯރުކޮށްދޭ ގައުމަކާ ދެކޮޅަށް އަދި ޓޭންކަރުގައި ހުރި ތެޔޮ ގަންނަ ފަރާތަކާ ދެކޮޅަށް ވެސް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފަ އެވެ.

އެމެރިކާ އިން ބާރު ފޯރުވެވޭ ސަރަހައްދަކަށް ޓޭންކަރު ގެންގޮސްދީފި ނަމަ އެ ޓޭންކަރުގެ ކެޕްޓަނަށް 15 މިލިއަން ޑޮލަރު ހުށަހެޅި ކަމަށް ސްޓޭޓް ޑިޕާޓްމަންޓުގެ އޮފިޝަލުން ވަނީ ޔަގީންކޮށްދީފަ އެވެ.