ހަރުކަށި ބޯލްޓަން، ޓްރަމްޕުގެ އެޑްވައިޒަރުކަމުން ބޭރުކޮށްފި

ވޮޝިންޓަން (ސެޕްޓެމްބަރު 11) - ވައިޓް ހައުސްގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ މަގާމުން ހަރުކަށި ޚިޔާލުގެ ޖޯން ބޯލްޓަން ބޭރުކޮށްފި އެވެ.


ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ ބޯލްޓަން ވަކިކުރަން ޖެހުނީ އޭނާއާ ވަރަށް ބޮޑަށް ޚިޔާލުތަފާތުވުމުން ކަމަށެވެ.

"އަޅުގަނޑު އެންގީ ޖޯން އިސްތިއުފާ ދިނުމަށް. އެގޮތަށް އޭނާ ކަންތައް ކުރެއްވި،" ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

ޓްރަމްޕް ވިދާޅުވީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ މަގާމަށް އާ މީހަކު އަންނަ ހަފުތާގައި ހަމަޖައްސާނެ ކަމަށެވެ. އެކަމަކު ބޯލްޓަން ވިދާޅުވީ އޭނާ އަމިއްލަ އަށް މަގާމުން ވަކިވީ ކަމަށެވެ. އަދި އެކަމުގެ ސަބަބު ރަނގަޅު ވަގުތުގައި ހާމަކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ މަގާމުން އިސްތިއުފާ ދެއްވި ބޯލްޓަން (ކ) އާއި ޓްރަމްޕް ސަލާމް ކުރައްވަނީ. --ފޮޓޯ:ރޮއިޓާސް

"އަޅުގަނޑު އިސްތިއުފާ ހުށަހެޅުމުން ޓްރަމްޕް ވިދާޅުވީ އެކަމާ މާދަމާ ވާހަކަ ދައްކާނީ ކަމަށް،" ބޯލްޓަން ކުރެއްވި ޓްވީޓުގައި ވިދާޅުވި އެވެ.

ޓްރަމްޕާއި ބޯލްޓަން ވަނީ އަފްޣާނިސްތާނާއި އީރާން ފަދަ މައްސަލަތަކުގައި އެމެރިކާ އިން ގެންގުޅޭ ޚާރިޖީ ސިޔާސަތާ މެދު ވަރަށް ބޮޑަށް ޚިޔާލުތަފާތުވެފަ އެވެ.

އެޕްރީލް، 2018 ގައި ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ މަގާމަށް ހަމަޖެއްސި ބޯލްޓަން އަކީ އެ މަގާމަށް ހަމަޖެއްސި ތިން ވަނަ ބޭފުޅާ އެވެ. ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ މަސްއޫލިއްޔަތު މިހާރު ހަވާލުކޮށްފައި ވަނީ ބޯލްޓަންގެ ނައިބު ޗާލްސް ކުޕަމަންއަށެވެ.

ބޯލްޓަން ވަނީ އދ. އަށް ކަނޑައަޅާފައި ހުންނަ އެމެރިކާ ސަފީރުގެ މަގާމު އޮގަސްޓް 2005 އިން ޑިސެމްބަރު 2006 އަށް އަދާކުރައްވައިފަ އެވެ. އަދި އަންޑަސެކްރެޓަރީ އޮފް ސްޓޭޓުގެ މަގާމު ވަނީ 2001 އިން 2005 އަށް ފުރުއްވައިފަ އެވެ.