ނަތަންޔާހޫގެ ނިންމުމާ ގުޅިގެން އޯއައިސީގެ ކުއްލި ބައްދަލުވުމެއް

ޖިއްދާ (ސެޕްޓެމްބަރު 12) - އަންނަ ހަފުތާގައި ބާއްވާ އިންތިޚާބު ކާމިޔާބު ކުރެވިއްޖެ ނަމަ ހުޅަނގު އައްސޭރީގެ ޖޯޑަން ވާދީ އަކީ އިޒްރޭލުގެ ތަނެއްގެ ގޮތުގައި ހަމަޖައްސާނެ ކަމަށް ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވުމާ ގުޅިގެން އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ކުއްލި ސަމިޓެއް ބޭއްވުމަށް ނިންމައިފި އެވެ.


ފޮރިން މިނިސްޓަރުންގެ ލެވެލްގައި އަންނަ އާދިއްތަ ދުވަހު ޖިއްދާގައި ބައްދަލުވުން ބާއްވަނީ ސައުދީ އަރަބިއާ އިން ހުށަހަޅައިގެންނެވެ. އޯއައިސީގައި 57 ގައުމު ހިމެނެ އެވެ.

އަންގާރަ ދުވަހު ބާއްވާ އިންތިޚާބު ކާމިޔާބުކުރެވިއްޖެ ނަމަ ޖޯޑަން ވާދީ އާއި ޑެޑް ސީގެ އުތުރުން ބޮޑު ބައެއް އިޒްރޭލުގެ ތަނަކަށް ހަދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވުމުން ފަލަސްތީނާއި އދ. އާއި ޔޫރަޕިއަން ޔޫނިއަން، އަދި ސައުދީ އަރަބިއާ ހިމެނޭ ގޮތަށް އަރަބި ގައުމުތަކުން ވަނީ ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ.

އިޒްރޭލުގެ ބާރުގެ ދަށަށް ގެންނާނެ ކަމަށް ބުނެފައި ވަނީ ހުޅަނގު އައްސޭރީގެ ތިން ބައިކުޅަ އެއްބައިވަރުގެ ސަރަހައްދެކެވެ. އެ ސަރަހައްދުގައި ފަލަސްތީނުގެ 65،000 މީހުންނާއި ގަވާއިދާ ޚިލާފަށް ވަދެ އުޅޭ އިޒްރޭލުގެ 11،000 މީހުން ދިރިއުޅެ އެވެ.

ނަތަންޔާހޫ ކުރަން އުޅޭ ކަންތަކަށް ވައިޓްހައުސް އިން ސަޕޯޓް ކުރާނެތޯ ސުވާލު ކުރުމުން އެމެރިކާގެ އޮފިޝަލަކު ވިދާޅުވީ އެ ގައުމުގެ ޚާރިޖީ ސިޔާސަތަށް އަދި ބަދަލެއް ނާންނަ ކަމަށެވެ.