ލަންކާ އަށް ދިން ބޮމުގެ ހަމަލާއިން ސަލާމަތްވި ހަތް މީހަކު ހޯދަނީ

ކޮލަމްބޯ (ސެޕްޓެމްބަރު 13) - ލަންކާގައި އެޕްރީލް މަހު ފަހުކޮޅު ދިން ބޮމުގެ ހަމަލާ އިން ސަލާމަތްވި ހަތް މީހަކު ހޯދަން ފުލުހުން ފަށައިފި އެވެ.


ފުލުހުންގެ ތަރުޖަމާން ރުވާން ގުނަސެކަރަ ވިދާޅުވީ އެ ހަތް މީހުން ވަނީ ފުލުހުންނަށް ބަޔާން ނުދީ "ގެއްލިފައި" ކަމަށެވެ. އަދި ބޮމުގެ ހަމަލާ އިން ސަލާމަތްވި 81 މީހަކާއި ފުލުހުން އިންޓަވިއުކޮށްފައިވާ ކަމަށާއި ސަލާމަތްވި ހަތް މީހުންނާ ވާހަކަ ދައްކަން ފުލުހުން ބޭނުންވާ ކަމަށެވެ. ހަތް މީހުން ހޮސްޕިޓަލުން ދިޔައީ އެ މީހުންނާ ގުޅޭނެ އެއްވެސް މައުލޫމާތެއް ނުދީ ކަމަށް ގުނަސެކަރަ ވިދާޅުވި އެވެ.

"ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ) އިން އެ ހަތް މީހުންނާ ވާހަކަ ދައްކަން ބޭނުންވޭ. އެކަމަކު ހަތް މީހުން ހޯދަން އާއްމުންގެ އެހީތެރިކަމަށް ވެސް އެދެން،" ކޮލަމްބޯގައި ވާހަކަ ދައްކަވަމުން ގުނަސެކަރަ ވިދާޅުވި އެވެ.

ސަލާމަތްވި ހަތް މީހުންނަކީ އެޕްރީލް 21 ވަނަ ދުވަހު ދިން ބޮމުގެ ހަމަލާއާ ގުޅުން ހުރި ބައެއް ކަމަށް ގުނަސެކަރަ ވިދާޅެއް ނުވެ އެވެ. ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވެފައި ވަނީ ބޮމުގެ ހަމަލާގައި ބައިވެރިވި އެންމެން މަރުވެ ނުވަތަ ފުލުހުންގެ ބެލުމުގެ ދަށުގައިވާ ކަމަށެވެ.

ގުނަސެކަރަ ވިދާޅުވީ ބޮމުގެ ހަމަލާ ދިން މީހުންނާއި އެ މީހުންގެ އާއިލާތަކުން 6،000 މިލިއަން ރުޕީސް (34 މިލިއަން ޑޮލަރު) ގެ ތަކެތި ފުލުހުން ހޯދާފައިވާ ކަމަށެވެ.

ލަންކާގެ ނޭޝަނަލް ތައުހީދު ޖަމާއަތް (އެންޓީޖޭ) އިން ތިން ފައްޅިއަކާއި ތިން ހޮޓަލުގައި އަމިއްލަ އަށް މަރުވެގެން ދިން ހަމަލާގައި 258 މީހުން މަރުވި އެވެ. އޭގެ ތެރޭގައި ބިދޭސީ 45 މީހުން ވެސް ހިމެނެ އެވެ.