ސައުދީ ރަސްގެފާނުގެ ދަރިކަނބަލުންނަށް ހުކުމް އިއްވައިފި

ޕެރިސް (ސެޕްޓެމްބަރު 13) - ފްރާންސްގެ ވެރިރަށް ޕެރިހުގެ އަގުބޮޑު އެވެނިއު ފޮޝްގައި ހުރި ސައުދީ އަރަބިއާގެ ޝާހީ އާއިލާގެ އެޕާޓްމަންޓުގެ މަރާމާތެއް ކުރަން ގެންދިޔަ މަސައްކަތު މީހަކަށް ބޮޑީގާޑް ލައްވާ އަނިޔާ ކުރިކަމުގެ ކުށް ސާބިތުވެ ސައުދީ ރަސްގެފާން ސަލްމާން ބިން އަބްދުލް އަޒީޒުގެ ދަރިކަނބަލުން ހައްސާ ބިންތު ސަލްމާންގެ ޣައިރު ހާޒިރުގައި ފްރާންސްގެ ކޯޓަކުން އިއްޔެ ހުކުމް އިއްވައިފި އެވެ.


ޕެރިހުގައި މިލިއަނަރުން ދިރިއުޅޭ އެވެނިއު ފޮޝްގައި ހުނަން ލަގްޒަރީ އެޕާޓްމަންޓުގެ ތެރޭގައި ބޮޑީގާޑް ލައްވައި، މިސްރަށް އުފަން މަސައްކަތު މީހާ އަޝްރަފް އީދު ބަނދެ އަނިޔާ ކުރުމާއި ކިޑްނެޕް ކުރުމުގެ ކުށުގައި ހައްސާގެ މައްޗަށް އިއްވާފައި ވަނީ 10 މަހުގެ ސަސްޕެންޑެޑް ޖަލު ހުކުމެކެވެ.

ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ ދައްތާފުޅު ހައްސާ، 43، ގެ މައްޗަށް ފްރާންސްގެ ކޯޓުން ވަނީ ހަތިޔާރު ބޭނުންކޮށްގެން އަނިޔާވެރި އަމަލެއް ހިންގަން އުޅުމުގަ އާއި ކިޑްނެޕް ކުރުމުގެ ކުށުގައި ބައިވެރިވި ކަމަށް ކަނޑައަޅައިފަ އެވެ. ހައްސާގެ ޣައިރު ހާޒިރުގައި އިއްވި ހުކުމުގައި ވަނީ ސަސްޕެންޑެޑް ޖަލު ހުކުމުގެ އިތުރުން 11،000 ޑޮލަރުން ޖޫރިމަނާ ވެސް ކޮށްފަ އެވެ. މިއީ ޕްރޮސެކިއުޓަރުން ޑިމާންޑްކުރި ވަރަށް ވުރެ ބޮޑު އަދަބެކެވެ. ޕްރޮސެކިއުޓަރުން ޑިމާންޑް ކުރީ ހަ މަހުގެ ސަސްޕެންޑެޑް ހުކުމަކާއި 5،500 ޑޮލަރުގެ ޖޫރިމަނާއަކަށެވެ.

އެކަމަނާގެ ބޮޑީގާޑު ރާނީ ސައިދީ އަށް އިއވާފައި ވަނީ އަށް މަހުގެ ސަސްޕެންޑެޑް ޖަލު ހުކުމަކާއި 5،500 ޑޮލަރުން ޖޫރިމަނާ ކުރުމެވެ.

ހުކުމަށް ފަހު ހައްސާގެ ފްރާންސްގެ ގާނޫނީ ވަކީލް ވިދާޅުވީ މަސްކަތު މީހާ ހަދަނީ ދޮގު ކަމަށާއި އެ މައްސަލަ އިސްތިއުނާފް ކުރާނެ ކަމަށެވެ. އަދި އެ މަސައްކަތުގެ އަގަށް، މަދު ދުވަސްކޮޅެއްގެ ތެރޭގައި 23،000 ޑޮލަރު އީދު ހުށަހެޅުމަކީ އޭނާ ދައްކާ ވާހަކަ ތެދު ނޫންކަމުގެ ހެއްކެއް ކަމަށް ވަކީލުން ބުނެ އެވެ.

މަސައްކަތު މީހާ އަށް އަނިޔާކޮށްފައި ވަނީ ޕެރިހުގެ މަހުޖަނުން ދިރިއުޅޭ އެވެނިއު ފޮޝްގެ އެޕާޓްމަންޓެއްގައި. --ފޮޓޯ:އޭއެފްޕީ

ހާދިސާ ހިނގީ ކިހިނެއް؟

އަނިޔާ ލިބުނު އަޝްރަފް އީދު ޝާހީ އާއިލާގެ އެޕާޓްމަންޓް ބްލޮކުގެ ހަތް ވަނަ ފަންގިފިލާގައި މަސައްކަތެއް ކުރަނިކޮށް ފަސް ވަނަ ފަންގިފިލާގައި ހުންނަ ހައްސާގެ އެޕާޓްމަންޓަށް ގެންދިޔައީ ފާހާނާގައި ހުރި މޫނު ދޮންނަ ތައްޓެއްގެ މަރާމާތަކަށެވެ. މަސްކަތް ކުރާނެ ގޮތް ބެލުމަށް ފާހާނާގެ ފޮޓޯއެއް އޭނާ ނެގި އިރު ފާހާނާގައި ހުރި ލޯގަނޑުން ވަނީ އެ ފޮޓޯ އަށް ހައްސާ ވެސް އަރައިފަ އެވެ. އެކަން ހައްސާ އަށް އެނގުމާ އެކު އެކަމަނާ ވަނީ ބޮޑީގާޑު ގެންނަވައި އީދަށް އަނިޔާކޮށްފަ އެވެ. އީދު ބުނީ ހައްސާގެ ދަށްފައިގައި އޭނާ ލައްވައި ބޮސްދޭން ވެސް މަޖްބޫރު ކުރުވި ކަމަށެވެ. އަދި އެތައް ގަޑިއިރެއް ފަހުން އޭނާ ދޫކޮށްލީ ފޯނު ވެސް ހަލާކުކޮށްލާފައި ކަމަށް އީދު ބުނެފައިވެ އެވެ.

"އެއް ފަހަރަކު ޕްރިންސަސް ގޮވި އަހަރެން މަރާލުމަށް ވެސް. އަހަރެންނަށް ދިރިހުރުމުގެ ހައްގެއް ނެތް ކަމަށް ވެސް،" އީދު ބުންޏެވެ.

ސެޕްޓެމްބަރު، 2016 ގައި ހިނގި މި ހާދިސާއާ ގުޅިގެން މިދިޔަ ޖުލައި މަހު ފެށި ޝަރީއަތުގައި ބޮޑީގާޑު ސައިދީ ބުނެފައި ވަނީ އީދު ކައިރިއަށް އޭނާ ދިޔައީ ހައްސާ އެހީ އަށް އެދި ގޮވާލެއްވުމުން ކަމަށެވެ. އޭނާ ދިޔައިރު އީދު ހުރީ ފޯނުގައި ބާރަށް ހިފަހައްޓައިގެން ކަމަށް ސައިދީ ބުންޏެވެ.

"އަހަރެން ގަދަބާރުން އޭނާ އަތުން ފޯނު އަތުލަން އުޅުނީ. އަހަރެންނަށް ހީވަނީ އޭނާ އުޅުނީ ހައްސާގެ ފޮޓޯތައް މީޑިއާތަކަށް ވިއްކާލަންހެން،" ސައިދީ ބުނެފައިވެ އެވެ.

މި ހާދިސާ ހިނގިތާ މާގިނައިރެއް ނުވަނީސް ހައްސާ ވަނީ ފްރާންސުން ފުރާވަޑައިގެންފަ އެވެ. އެކަމަނާ ހައްޔަރު ކުރުމަށް އިންޓަނެޝަނަލް ވޮރެންޓެއް ވަނީ ނޮވެމްބަރު 2017 ގައި ނެރެފަ އެވެ.