އިންތިޚާބަށް ޗައިނާ އިން އެހީނުވާ ކަމަށް ގޮތަބަޔާގެ ޓީމުން ބުނެފި

ކޮލަމްބޯ (ސެޕްޓެމްބަރު 15) - އިންތިޚާބަށް ޗައިނާ އިން އެހީވަމުން ނުދާ ކަމަށް ލަންކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެކަން އިއުލާންކޮށްފައިވާ ކުރީގެ ބާރުގަދަ ޑިފެންސް ސެކްރެޓަރީ ގޮތަބަޔާ ރާޖަޕަކްސާގެ ޓީމުން ބުނެފި އެވެ.


މި އަހަރު ފަހުކޮޅު އޮންނަ ރިޔާސީ އިންތިޚާބަށް ޗައިނާ އިން ޚަރަދު ކުރަމުންދާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ގޮތަބަޔާގެ ތަރުޖަމާން އަދި ޕާލަމެންޓުގެ މެންބަރު ކެހެލިޔާ ރަމްބުކްވެއްލާ ވިދާޅުވީ ޗައިނާ އިން އެއްވެސް އެހީއެއް ދިންކަން ގޮތަބަޔާ އަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އެކަމަކު ބިޒިނެސް ކޮމިއުނިޓީ އާއި އެހެން ދާއިރާތަކުގެ މީހުން ވެސް ބޭނުން ވަނީ ލަންކާގެ ސަރުކާރު ބަދަލު ކުރަން ކަމަށް ވިދާޅުވި އެވެ. އަދި އެ ފަރާތްތަކުން ދަނީ ގޮތަބަޔާ އަށް އެހީވަމުން ކަމަށް ތަރުޖަމާން ވިދާޅުވި އެވެ.

"ވަރަށް ގިނަ ވިޔަފާރިވެރިންގެ ތާއީދު އެބައޮތް ގޮތަބަޔާ އަށް،" ރަމްބުކްވެއްލާ ވިދާޅުވި އެވެ.

އިންތިޚާބުގައި ގޮތަބަޔާ ވާދަކުރައްވަނީ ސްރީ ލަންކާ ޕޮޑުޖަނާ ޕެރަމުނާ (އެސްއެލްޕީޕީ) ގެ ކެންޑިޑޭޓެއްގެ ގޮތުގަ އެވެ. އެ ޕާޓީގެ ލީޑަރަކީ ޗައިނާއާ ގާތް ގުޅުމެއް ބޭއްވެވި ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ އެވެ.

ރާޖަޕަކްސާގެ ވެރިކަމުގައި ޗައިނާ އިން ވަނީ ލަންކާގައި ވަރަށް ގިނަ މަޝްރޫއުތައް ހިންގައިފަ އެވެ.