ދެކުނު އޭޝިއާގެ އެންމެ އުސް އިމާރާތް ލަންކާގައި ހުޅުވައިފި

ކޮލަމްބޯ (ސެޕްޓެމްބަރު 17) - ދެކުނު އޭޝިއާގެ އެންމެ އުސް ޓަވަރުގެ ގޮތުގައި ލޮޓަސް ޓަވަރު ސްރީ ލަންކާގައި އާއްމުންނަށް ރޭ ހުޅުވާލައިފި އެވެ.


ޗައިނާ ސަރުކާރުގެ އެހީގައި ލަންކާގެ ކުރީގެ ސަރުކާރުން ހެދި ޓަވަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް މައިތުރިޕާލާ ސިރިސޭނާ ވަނީ އެ ޕްރޮޖެކްޓުގައި ކޮރަޕްޝަން އޮތް މިންވަރު ހާމަކޮށްދެއްވައިފަ އެވެ. ލޮޓަސް ޓަވަރުގެ މަސައްކަތް 2012 ވަނަ އަހަރު ފެށީ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ވެރިކަމުގަ އެވެ.

ލޮޓަސް ޓަވަރުގެ ޕްރޮޖެކްޓަށް އެތައް ލަސްކަމެއް ވަނީ ކުރިމަތިވެފަ އެވެ. ތިން ސަތޭކަ ފަންސާސް މީޓަރު (1،155 ފޫޓް) ގެ ޓަވަރުގެ ޕްރޮޖެކްޓް ޗައިނާގެ ދެ ކުންފުންޏަކުން ކާމިޔާބު ކުރުމަށް ފަހު އެޑްވާންސްގެ ގޮތުގައި ދެ ބިލިއަން ރުޕީސް (18 މިލިއަން ޑޮލަރު) ނަގައިގެން ވަނީ "ފިލައިފަ" އެވެ. ކޮލަމްބޯގެ މެދުތެރޭގައި ހުރި އިމާރާތް މުޅިން ފުރިހަމަ ކުރުމަށް ސަރުކާރަށް އަދިވެސް އިތުރު ތިން ބިލިއަން ރުޕީސް ބޭނުންވެ އެވެ.

ލޮޓަސް ޓަވަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ސިރިސޭނާ ރޭ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ

"މި ޕްރޮޖެކްޓް އަދިވެސް ނުނިމޭ. ނަމަވެސް އަޅުގަނޑުމެން ނިންމީ އާއްމުންނަށް ބޭނުން ކުރެވެން ހުރި ބައިތައް ހުޅުވާލަން،" ގައުމީ ޓީވީން ވަގުތުން ދައްކަމުން ދިޔަ ރަސްމިއްޔާތުގައި ސިރިސޭނާ ވިދާޅުވި އެވެ.

ދުއިސައްތަ ސާޅީސް ހަތަރު މީޓަރު އުހުގައި ހުރި އޮބްޒަވޭޝަން ޑެކް ވަނީ އާއްމުންނަށް ހުޅުވާލައިފަ އެވެ. ޓަވަރުގައި ހުރި ރެސްޓޯރެންޓް އަދި ނުނިމެ އެވެ.

ސިރިސޭނާ ވިދާޅުވީ ޓަވަރުގެ ދަރަނި އަދާކުރަން ޗައިނާގެ ބޭންކަށް އަހަރަކު 10 އިންސްޓޯލްމެންޓުގެ 2.4 ބިލިއަން ރުޕީސް ދައްކަން ޖެހޭ ކަމަށެވެ. ސިރިސޭނާ ވިދާޅުވީ ޓަވަރަށް ޚަރަދުކޮށްފައި ވަނީ މުވައްޒަފުންގެ މުސާރަ ދިނުމަށާއި ބޭސް ގަތުން ފަދަ ކަންކަމަށް ހުރި ފައިސާ ކަމަށެވެ.

ޓަވަރަށް ހޭދަކުރި 104.3 މިލިއަން ޑޮލަރުގެ ތެރޭން 80 ޕަސެންޓް ފަންޑްކޮށްފައި ވަނީ ޗައިނާ އިންނެވެ.

ޓަވަރުގައި ޓެލެކޮމިއުނިކޭޝަން މިއުޒިއަމަކާއި ރެސްޓޯރެންޓެއް، ސުޕަމާކެޓްތަކާއި ފުޑް ކޯޓްތަކާއި 400 މީހުންގެ ކޮންފަރެންސް ހޯލަކާއި 1،000 މީހުންގެ އޮޑިޓޯރިއަމަކާއި ލަގްޒަރީ ކޮޓަރިތަކާއި ބޯލްރޫމެއްގެ އިތުރުން އޮބްޒަވޭޝަން ޑެކެއް ހިމެނެ އެވެ.