ނަތަންޔާހޫގެ ކުރިމަގު ކަނޑައެޅުމުގެ އިންތިޚާބު ކުރިއަށް

ތެލް އަވީވް (ސެޕްޓެމްބަރު 17) - އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސިޔާސީ ކުރިމަގު ކަނޑައެޅުމުގެ ވޯޓު ނަގަން މިއަދު ފަށައިފި އެވެ.


މިއީ ފަސް މަސް ދުވަސްތެރޭ އިޒްރޭލުގައި ބާއްވާ ދެ ވަނަ އިންތިޚާބެވެ. އެޕްރީލް މަހު ބޭއްވި އިންތިޚާބުގައި މެޖޯރިޓީ ލިބުނު ނަމަވެސް ކޯލިޝަން ސަރުކާރެއް އުފެއްދުމަށް ނަތަންޔާހޫ އަށް ނާކާމިޔާބުވުމާ ގުޅިގެން ވަނީ އާ އިންތިޚާބެއް އިއުލާންކޮށްފަ އެވެ. ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުން ނަތަންޔާހޫގެ ކަނާތު ފިޔައިގެ ލިކޫޑް ޕާޓީ އާއި އެންމެ ވާދަވެރި ސެންޓްރިސްޓް ބްލޫ އެންޑް ވައިޓް ޕާޓީ ފެންނަނީ ވަރަށް ހަމަހަމަކޮށެވެ. އެހެންކަމުން މި އިންތިޚާބު އަނބުރާލުމުގެ ފުރުސަތު ބޮޑީ ކުދި ޕާޓީތަކަށެވެ.

އިންތިޚާބުގެ ކެމްޕޭނުގައި ނަތަންޔާހޫގެ އެންމެ ބޮޑު ވައުދަކީ ކާމިޔާބު ލިބިއްޖެ ނަމަ ހުޅަނގު އައްސޭރީގެ ޖޯޑަން ވާދީ އިޒްރޭލުގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމެވެ. ނަތަންޔާހޫގެ މި ޕްލޭނާ ގުޅިގެން ބައިނަލްއަގުވާމީ ގޮތުން ވަރަށް ބޮޑަށް ފާޑުކިޔުންތައް އިތުރުވި އެވެ.

ނަތަންޔާހޫގެ ނިންމުމާ ގުޅޭ ގޮތުން އިދިކޮޅު ބްލޫ އެންޑް ވައިޓް ޕާޓީގެ ލީޑަރު ބެނީ ގާންޒް ދެކޭ ގޮތް އަދި ހާމަކޮށްފައެއް ނުވެ އެވެ.