ހަމަލާތަކަށް ރައްދު ދިނުމުގެ ގާބިލްކަން އެބަހުރި: ސައުދީ ރަސްގެފާން

ރިޔާޒް (ސެޕްޓެމްބަރު 18) - ސައުދީ އަރަބިއާގެ ތެޔޮ އުފައްދާ ތަންތަނަށް ދޭ ހަމަލާތަކަށް ރައްދު ދިނުމުގެ ގާބިލްކަން ލިބިގެންވާ ކަމަށް ރަސްގެފާން ސަލްމާން ބިން އަބްދުލް އަޒީޒް ވިދާޅުވެއްޖެ އެވެ.


ކެބިނެޓާ ބައްދަލު ކުރެއްވުމަށް ފަހު ރަސްގެފާން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ގައުމީ ތެޔޮ ކުންފުނި އަރާމްކޯގެ ޕްލާންޓްތަކަށް ދިން ޑްރޯން ހަމަލާގައި ލިބުނު ގެއްލުން މިނިސްޓަރުން ބައްލަވާފައިވާ ކަމަށެވެ. ބަޔާނުގައި ރަސްގެފާން ވަނީ އެފަދަ ހަމަލާތަކާ ދުނިޔޭގެ ގައުމުތަކުން ކުރިމަތިލުމަށް އެދިވަޑައިގެންފަ އެވެ. އަދި އެފަދަ ހަމަލާތަކުން ދިފާއުވުމުގެ ގާބިލްކަން ލިބިގެންވާ ކަމަށް ވެސް ރަސްގެފާން ވިދާޅުވި އެވެ.

"އަރާމްކޯގެ ޕްލާންޓްތަކަށް ދިން ހަމާލާ އަކީ ސައުދީގެ މުހިންމު ތަންތަނަށް ދޭ ހަމަލާތަކަށް އިތުރުވި ބޮޅެއް. އެ ހަމަލާގެ ސަބަބުން ވަނީ ދަތުރުފަތުރު ކުރުމުގެ މިނިވަންކަމަށް ބުރޫ އަރައި ދުނިޔޭގެ އިގްތިސާދީ ކުރިއެރުމަށް ހުރަސް އެޅިފައި،" ރަސްގެފާނުގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

ސައުދީ އަރަބިއާގެ އިރުމަތީގެ އަބްގައިގް އާއި ޚުރައިސްގެ ތެޔޮ ޕްލާންޓްތަކަށް ޑްރޯން ހަމަލާ ދިނީ ޔަމަނުގެ ހޫތީން ކަމަށް އެ ޖަމާއަތުން ވަނީ އެއްބަސްވެފަ އެވެ. ނަމަވެސް އެމެރިކާ އިން އެ ހަމަލާގެ ތުހުމަތު އަޅުވަނީ އީރާނުގެ ބޮލުގަ އެވެ.

ޑްރޯން ހަމަލާއާ ގުޅިގެން ސައުދީން ވަނީ ތެޔޮ އުފައްދާ މިންވަރު ދެބައިކުޅަ އެއްބަޔަށް ދަށްކޮށްފަ އެވެ. އަދި ގެއްލުން ލިބުނު ދެ ޕްލާންޓް ވަނީ ބަންދުކޮށްފަ އެވެ.