އިޒްރޭލުގެ އެހީއާ އެކު އިންޑިއާ އިން ދިގު ރާސްތާ މިސައިލެއް ޓެސްޓްކޮށްފި

ނިއު ދިއްލީ (ސެޕްޓެމްބަރު 21) - އިޒްރޭލުގެ އެހީތެރިކަމާ އެކު ބިމުން ޖައްވަށް ފޮނުވާ ދިގު ރާސްތާ މިސައިލެއް އިންޑިއާ އިން ކާމިޔާބުކަމާ އެކު އިއްޔެ ޓެސްޓްކޮށްފި އެވެ.


ޑިފެންސް ރީސާޗް އެންޑް ޑިވެލޮޕްމަންޓް އޮގަނައިޒޭޝަންގެ އޮފިޝަލަކު ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އަށް ވިދާޅުވީ ޓެސްޓް ކުރި މިސައިލްގައި މަލްޓި ފަންކްޝަނަލް ސާވޭލަންސް އެންޑް ތުރެޑް އެލާޓް ރާޑަރެއް ވެސް ހިމެނޭ ކަމަށެވެ. ނިއުސް އެޖެންސީން ބުނީ ބަރާކް-8 ގެ ނަން ދީފައިވާ މިސައިލް ޓެސްޓަށް ފަހު އިތުރު ޓެސްޓްތައް ވަރަށް އަވަހަށް ކުރިއަށް ގެންދާނެ ކަމަށެވެ.

އިޒްރޭލާއި އިންޑިއާ ގުޅިގެން ތަރައްގީކޮށްފައިވާ އެހެން ބައެއް މިސައިލްތައް ވެސް މި އަހަރު ކުރީކޮޅު ވަނީ ޓެސްޓްކޮށްފަ އެވެ. ޖޫން 30 އާއި ޖުލައި 1 އާ ދެމެދު ވަނީ ބިމުން ޖައްވަށް ފޮނުވާ މެދު ރާސްތާ ތިން މިސައިލެއް އިންޑިއާ އިން ޓެސްޓްކޮށްފަ އެވެ. އިންޑިއާގެ ނޭވީން ވެސް ވަނީ ބިމުން ޖައްވަށް ފޮނުވާ ދިގު ރާސްތާ މިސައިލެއް މިދިޔަ އަހަރު އަހަރު ފަހުކޮޅު ޓެސްޓްކޮށްފަ އެވެ.

އިންޑިއާ އިން މިސައިލް ޓެސްޓްކޮށްފައި މި ވަނީ ކަޝްމީރުގެ މައްސަލާގައި ޕާކިސްތާނާ އެކު މަޝްރަހު ހޫނުވެފައި ވަނިކޮށެވެ.