ސައުދީ އަށް ދޭ ހުރިހާ ހަމަލާއެއް ހުޓާލިކަން ހޫތީން އިއުލާންކޮށްފި

ސަންއާ (ސެޕްޓެމްބަރު 21) - ސައުދީ އަރަބިއާ އަށް ޑްރޯން އާއި މިސައިލް ހަމަލާ ދިނުން ހުއްޓާލާނެ ކަމަށް ޔަމަނުގެ ހޫތީ ޖަމާއަތުން ބުނެފި އެވެ.


ހޫތީންގެ ސުޕްރީމް ޕޮލިޓިކަލް ކައުންސިލްގެ އިސްވެރިޔާ މަހްދީ އަލް މަޝާތު ވިދާޅުވީ ސައުދީ އަރަބިއާގެ އަމާޒުތަކަށް ޑްރޯނާއި މިސައިލް ހަމަލާ ދިނުން ހުއްޓާލާފައިވާ ކަމަށާއި މިހާރު އިންތިޒާރު ކުރަނީ ސައުދީން ޔަމަނަށް ދޭ ހަމަލާތައް ހުއްޓާލާނެކަން އިއުލާން ކުރާނެ ވަގުތަކަށް ކަމަށެވެ.

"ހޫތިންގެ މި އިސްނެގުމާ ޚިލާފަށް ސައުދީން ހަމަލާ ދީފި ނަމަ ރައްދު ހަމަލާ ދިނުމުގެ ހައްގު ހޫތީންނަށް ވެސް ލިބިގެންވޭ،" ހޫތިންގެ އަލް މަސީރާ ޓީވީ މެދުވެރިކޮށް މަޝާތު ވިދާޅުވި އެވެ. "ޔަމަނުގެ ހަނގުރާމަ ކުރިއަށް ގެންގޮސްގެން އެއްވެސް ބަޔަކަށް ކުރާނެ ފައިދާއެއް ނޯންނާނެ."

ހޫތިންގެ މި ނިންމުން އިއުލާންކޮށްފައި ވަނީ ސައުދީ އަރަބިއާގައި ތެޔޮ އުފައްދާ ދެ ތަނަކަށް ޑްރޯން ހަމަލާތަކެއްދީ ބޮޑެތި ގެއްލުންތަކެއް ލިބުނުތާ އެއް ހަފުތާ ފަހުންނެވެ. އެ ހަމަލާތަކުގެ ތުހުމަތު ސައުދީ އާއި އެމެރިކާ އިން އަޅުވާފައި ވަނީ އީރާނުގެ ބޮލުގަ އެވެ.

ހޫތީންގެ ނިންމުމަށް ސައުދީ ކޯލިޝަނުން އަދި ޖަވާބުދީފައެއް ނުވެ އެވެ. ހޫތީންނާ ދެކޮޅަށް ޔަމަނަށް ވައިގެ ހަމަލާތައް ދޭން ކޯލިޝަނުން ފަށާފައި ވަނީ މާޗް 2015 ގަ އެވެ.